Last Updated: April 19, 13:47
Friday, April 19, 2024
ޚަބަރު

އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި

މިނިސްޓަރު އިމްރާން އަބްދުﷲ - ފޮޓޯ: މަޖިލިސް

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާ އަށް އެޖެންޑާކޮށްފިއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅީ އިދިކޮޅު ޕީޕީއެމް/ޕީއެންސީން އިސްނަގައިގެންނެވެ. އެގޮތުން މި މައްސަލަ މަޖިލީހަށް ވެއްދީ 11 މެމްބަރުންގެ ސޮޔާއެކުއެވެ.

މި މައްސަލަ މާދަމާ އަށް އެޖެންޑާކޮށްފައިވާއިރު، އެ މައްސަލަ އަށް ތާއީދު ނުކުރަން މަޖިލީހުގެ ސުޕަރ މެޖޯރިޓީ އޮތް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ އިއްތިފާގުން މިއަދު ވަނީ ފާސްކޮށްފައެވެ.

އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސަށް ދެ ގަޑިއިރު އާންމު ކޮމިޓީން ވަނީ ކަނޑައަޅާފައެވެ. އެގޮތުން މިނިސްޓަރު އިމްރާނަށް ފަށާއިރުއާއި މެދުތެރެއިން އަދި ނިންމާއިރު 10 މިނެޓް ލިބިވަޑައިގަންނަވާނެއެވެ.

އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދިއިރު، މިއަހަރު ޖޫން މަހު ހުޅުމާލެ ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލަ އާ ގުޅިގެން އިމްރާން ދާދިފަހުން ޕްރޮގްރާމެއްގައި ދެއްކި ވާހަކަތަކަކާ ގުޅިގެން އޭނާ އަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.

އެގޮތުން އެ ޕްރޮގްރާމުގައި އިމްރާން ވަނީ އެ ހާދިސާ އަކީ "އާންމު ޕަބްލިކް ތަނެއްގައިވެސް ހުރެފައިވެސް ބަޔެއްގެ ތެރޭގައި ހުރެފައިވެސް މީހަކަށް ކޮށްލެވިދާނެ ވަރުގެ ކަމެއް" ކަމަށް ވިދާޅުވެފައެވެ. އަދި އެއީ "ކުރީމަ ކަމެއް ކުރިކަންވެސް ނެނގޭ ވަރުގެ ކަމެއް" ކަމަށްވެސް އިމްރާން ވިދާޅުވެފައެވެ.

ފާޑުކިޔުންތައް އަމާޒުވުމުން އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަންހެނަކަށް ޖިންސީ އަނިޔާއެއް ނުވަތަ ފުރައްސާއެއް ކުރުމަކީ ކުޑަ ކަމެއް ނޫން ކަމަށާއި އެއީ ބޮޑު ކަމެއް ކަމަށެވެ. އަދި އެއީ ކުޑަ ކަމެއް ކަމަށް ބުނެފައި ނުވާނެ ކަމަށާއި އޭނާއާ ގުޅޭގޮތުން މީޑިއާގައި ފަތުރާފައިވާ ބައެއް ވާހަކަތަކުން އޭނާ ދެންނެވި އެއްޗެއްގެ ހަގީގަތް އޮޅޭ ކަމަށް އިމްރާން ވިދާޅުވިއެވެ.

އިމްރާންގެ މި ވާހަކަތަކާ ގުޅިގެން އޭނާގެ މައްސަލަ ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ވެސް މިހާރު ވަނީ ހުށަހަޅާފައެވެ.