Last Updated: March 28, 13:49
Thursday, March 28, 2024
ޚަބަރު

މާފުއްޓަށް އަރައި ފޭބުން މަނާކޮށްފި

ކ.މާފުށި

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކ.މާފުށި މޮނިޓަރިން އަށް ލައިފި އެވެ.

އެޗްޕީއޭ މިރޭ ބުނީ މާފުއްޓަށް އަރައި ފޭބުން މަނާކޮށްް މޮނިޓާ ކުރަން ފެށީ ކޮވިޑާއި ގުޅިގެން ސިއްހީ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމުގެ ގޮތުން ކަމަށެވެ. މާފުށި މޮނިޓަރިން އަށް ލާފައިވަނީ މިއަދު މެންދުރުފަހު 15:43 އިން ފެށިގެންނެވެ.

މާފުށީގައި މިވަގުތު ތިބި އެއްވެސް މީހަކު ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެޗް.ޕީ.އޭގެ ހުއްދަނެތި އެއްވެސް މީހަކު އެރަށަށް އެރުން ވަނީ މަނާކޮށްފައެވެ. އަދި އެ ރަށް މޮނިޓަރިންގެ ޙާލަތަށް ގެނައުމާއި ގުޅިގެން އެޗް.ޕީ.އޭއިން އަންގާ ގޮތެއްގެ މަތިން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެގޮތުން އަންގާ އެންގުންތަކާއި، އަދި ހިންގާ ހަރަކާތްތަކަށް އެއްބާރުލުން ދިނުމަށް އެޗްޕީއޭ އިން ވަނީ އެދިފައެވެ.

މާފުށި މޮނިޓަރިންގެ ހާލަތަށް ގެނެސްފައި މިވަނީ އެރަށުން ކޮވިޑަށް ޕޮޒިޓިވްވި ހުރިހާ ފަތުރުވެރިންވެސް އެ ބަލިން ރަނގަޅުވެފައިވާކަމަށް އެރަށުގެ ޞިއްޙީ މަރުކަޒުން އިއްޔެ ބުނެފައިވަނިކޮށެވެ.

ފަސް ފަތުރުވެރިއަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން އެ ރަށުގައި ބަލި ފެތުރިފައިވޭތޯ ބެލުމަށް ނެގުނު 85 ރެންޑަމް ސާމްޕަލް ވެސް ބައްޔަށް ނެގެޓިވް ވެފައިވާ ކަމަށް ސިއްހީ މަރުކަޒުން ބުނެއެވެ.