Last Updated: April 27, 09:13
Saturday, April 27, 2024
ޚަބަރު

އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ ސަރުކާރު ބަލިކަށިކޮށްލަން: އިމްރާން

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ - ފޮޓޯ: މަޖިލިސް

އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ ސަރުކާރު ބަލިކަށިކޮށްލުމުގެ ބޭނުމުގައި ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅީ އިދިކޮޅު ޕީޕީއެމް/ޕީއެންސީން އިސްނަގައިގެންނެވެ. އެގޮތުން މި މައްސަލަ މަޖިލީހަށް ވެއްދީ 11 މެމްބަރުންގެ ސޮޔާއެކުއެވެ.

މި މައްސަލަ މަޖިލީހަށް ވެއްދީ ހުޅުމާލެ ފަޅުގައި އޮތް ސަފާރީގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުވާ މައްސަލައިގައި، އެކަމަކީ އާދައިގެ ކަމެއް ކަމަށް ސިފަވާގޮތަށް އިމްރާން ވާހަކަ ދެއްކުމުންނާއި މަޖިލީހަށް ދޮގު މައުލޫމާތު ދިން ކަމަށް ބުނެ އެވެ.

އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން މިއަދު މަޖިލީހަށް ވަޑައިގެން އިމްރާން ވިދާޅުވީ މި މައްސަލައަކީ ބަހަނާއެއް ކަމަށާއި އަދި މިއީ ނުވާ ކަމެއް ވުޖޫދުކޮށްގެން، ސިޔާސީ މަސްރަހު ހަލަބޮލިކޮށް، ސަރުކާރު ބަލިކަށިކޮށް، ހަލަބޮލިކަމުގެ ހިޔަނީގައި މި ސަރުކާރުން ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ހޯދި ކާމިޔާބު ފުރޮޅާލުމަށް ކޮށްފައިވާ ތުހުމަތެއް ކަމަށެވެ.

އަދި ސަފާރީ ކޭސްގެ މައުލޫމާތު ސިޔާސީ ބަޔަކު އަޑީގައި ތިބެގެން، ސިޔާސީ ބޭނުމަކަށް އެ މައްސަލައިގެ ހަގީގަތް އޮޅޭގޮތަށް މައުލޫމާތު ފަތުރާފައިވާ ކަމަށާއި ނަމަވެސް އެއްވެސް މިންވަރަކަށް އެއްވެސް އަންހެނަކަށް ގޯނާއެއް، ފުރައްސާރައެއްކޮށްގެން ނުވާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.

އެއީ ސީރިއަސް ކަމެއްގެ ގޮތުގައި ފިޔަވަޅު އަޅަންޖެހޭ ކަންކަން ކަމަށާއި، އެފަދަ ކަންކަމަށް ސަރުކާރުން ފިޔަވަޅު އަޅާނެ ކަމަށްވެސް އިމްރާން ވިދާޅުވިއެވެ. އަދި އެ މައްސަލައާ ގުޅިގެން ބުނެފައިވާ އެއްޗެއްގެ ސަބަބުން އެއްވެސް މީހަކަށް ނުބައި މާނައެއް ދޭހަވިނަމަ އެކަމަށް މައާފަށް އެދޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަދި 2015 ވަނަ އަހަރު ބޭއްވި "މޭޑޭ މުޒާހަރާ"ގައި، ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައާ ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ގުޅުވައިގެން ދެއްކި ކަރުދާސްތައް ކުރީގެ ސަރުކާރުގެ އަމުރަށް ގެންގޮސްފައިވާ ކަމަށްވެސް އިމްރާން ތަކުރާރު ކުރެއްވިއެވެ.

އިމްރާން ވަނީ އެ ކަރުދާސްތަކާއި މަތިކޮށް މަޖިލީހަށް ކިތަންމެ މައްސަލައެއް މަޖިލީހަށް ވެއްދި ނަމަވެސް ކުރީގެ ސަރުކާރާ ދެކޮޅަށް އެތައް ހާސް ރައްޔިތުން މުޒާހަރާ ނުކުރާ ކަމަކަށް ނުވާނެ ކަމަށާއި އަދި ރައްޔިތުން އެ ސަރުކާރަށް ނޫނެކޭ ނުބުނާ ކަމަކަށް ވެސް ނުވާނެ ކަމަށެވެ.

އަދި އިތުބާރު ނެތްކަމުގެ މައްސަލަ ގުޅެނީ ސާފުކޮށް ރައްޔިތުން އެދޭފަދަ ވެރިކަމެއް ރާއްޖޭގައި ގާއިމުކުރަން އޭނާ އަދާކޮށްފައިވާ ދައުރާއި މެދު ކަމަށްވެސް އިމްރާން ވިދާޅުވިއެވެ. އަދި ކޮންމެ އަނިޔާވެރި ވެރިކަމެއްގެ ހިޔަނީގައި ނާޖާއިޒު ނުފޫޒާއި މުއްސަނދިކަން ލިބިގަންނަ ބަޔަކު އަބަދުވެސް ތިބޭނެ ކަމަށާއި އަދި އެފަދަ ވެރިކަމެއް ނިމިގެންދާ ކޮންމެ ފަހަރަކު އެ ވެރިކަމުގެ ފަސްބައިގައި އެލިގެން ތިބޭ ބަޔަކު އަދުލު އިންސާފަށް ހުރަސް އަޅާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނަމަވެސް އޭނާ ހުންނެވީ ދޫ ދެއްވާ ގޮތަކަށް ނޫން ކަމަށާއި އެގޮތުން ރައްޔިތުންގެ މާލިއްޔަތުން ނެގި ފައިސާއާ ގުޅޭ މައްސަލަ ބަލައި، ސިޔާސީ ގޮތުން ކުރިމަތިކުރާ ފިއްތުންތަކުގެ ސަބަބުން ޖަލު ބަންދުގައި ހުންނަންޖެހޭ މީހަކު ނެރެދިނުމުގެ މޭސްތިރިއަކަށް ވެވަޑައިގަންނަވާ ބޭފުޅަކަށް ނުވާނެ ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.