Last Updated: April 26, 20:24
Friday, April 26, 2024
ޚަބަރު

އޯއައިސީގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމަށް ޝާހިދު ވަޑައިގެންފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ރިޕަބްލިކް އޮފް ނައިޖަރ ގެ ވެރިރަށް ނިއާމޭގައި ބާއްވާ އޯގަނައިޒޭޝަން ފޮރ އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ)ގެ ޚާރިޖީ ވަޒީރުންގެ 47 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ފުރާވަޑައިގެންފިއެވެ.

މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ބާއްވާ އޯ.އައި.ސީ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގެ މިފަހަރުގެ ޝިއާރަކީ "ތަރައްޤީއަށް ހަމަޖެހުމަށް ގުޅިގެން ޓެރަރިޒަމާ ދެކޮޅަށް" އެވެ.

ފޮރިން މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ތަޤްރީރުކުރައްވަމުން، ކޮވިޑް-19 ގެ ޙާލަތު ރާއްޖޭގައި އޮތް ގޮތާއި، އެކަމުގެ ސަބަބުން ލިބެމުންދާ ގެއްލުންތަކާ ދެކޮޅަށް ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތަކާ ބެހޭ ގޮތުން މިނިސްޓަރ ޝާހިދު ވާހަކަފުޅު ދައްކަވާނެ ކަމަށެވެ.

އަދި އިސްލާމީ އުއްމަތަށް މިވަގުތު ކުރިމަތިވެފައިވާ ކަންކަމާމެދު ރާއްޖެއިން ދެކޭ ގޮތް ހާމަކުރައްވައި، އުއްމަތް އެކަތިގަނޑަކަށް ވުމަށް ގޮވާލައްވާނެ ކަމަށާއި، މީގެ އިތުރުން މި ބައްދަލުވުމުގެ ހަވާސާގައި ބައެއް ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާއެކު މިނިސްޓަރ ޝާހިދު ބައިލޭޓަރަލް ބައްދަލުވުންތައް ބާއްވަވާނެ ކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެއެވެ.

މިނިސްޓަރ ޝާހިދުގެ އަރިހުގައި މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަނީ ރާއްޖެއިން ސަޢޫދީ ޢަރަބިއްޔާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަދި އޯ.އައި.ސީއަށް ކަނޑައަޅާފައި ހުންނަވާ ޚާއްސަ މަންދޫބު މުޙައްމަދު ޚަލީލްއާއި، މިނިސްޓްރީގެ އެސިސްޓަންޓް ޑައިރެކްޓަރ އަހުމަދު ސަލްމާން ޒަކީ އެވެ.

އޯ.އައި.ސީ ޚާރިޖީ ވަޒީރުންގެ ކައުންސިލަކީ ޖަމްއިއްޔާގެ ސިޔާސަތުތައް ތަންފީޒުކުރުމާ ބެހޭ ގޮތް ކަނޑައަޅައި، އިސްލާމިކް ސަމިޓްގައި ޤައުމުތަކުގެ ވެރިން ނިންމަވާ ނިންމެވުންތައް ތަންފީޒުކުރެވެމުންދާ މިންވަރު މޮނީޓަރކޮށް، އުއްމަތުގެ މުހިއްމު މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވާ ކައުންސިލެވެ. ޚާރިޖީ ވަޒީރުންގެ ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރާނީ އޯ.އައި.ސީ ސެކްރެޓޭރިއޭޓުންނެވެ.

ރާއްޖެއިން އޯ.އައި.ސީގެ މެމްބަރު ޤައުމަކަށްވީ 1976 ވަނަ އަހަރުއެވެ. އަދި އެއަށްފަހު އެޖަމްއިއްޔާގެ ޙަރަކާތްތަކުގައި އަބަދުވެސް ބައިވެރިވެއެވެ. އޯއައިސީގެ މެމްބަރު ޤައުމުތަކުގެ ގޮތުގައި 57 ޤައުމު އޮވެއެވެ.