Last Updated: May 1, 20:45
Wednesday, May 1, 2024
ޚަބަރު

ޔާމީންގެ ސަޕޯޓަރުންނަށް ފުލުހުން އަނިޔާކުރިކަމުގެ ތުހުމަތު

އަނިޔާ ލިބުނު އަންހެނަކަށް އައިޖީއެމްއެޗުގައި ފަރުވާ ދެނީ - ފޮޓޯ: އަހުމަދު ޝިޔާމް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަޕޯޓަރުންނަށް ފުލުހުން އަނިޔާކުރިކަމުގެ ތުހުމަތު ޕީޕީއެމް އިން ކޮށްފިއެވެ.

އިދިކޮޅު ކޯލިޝަނުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ މިއަދު ކްރިމިނަލް ކޯޓުގައި އޮތް ޔާމީންގެ ޝަރީއަރުގެ އަޑު އެހުމަށް ކޯޓު ދޮށަށް ދިޔަ އެމަނިކުފާނުގެ ސަޕޯޓަރުންގެ ތެރެއިން ދެ އަންހެނަކަށް ފުލުހުން އަނިޔާކޮށްފައިވާ ކަމަށެވެ.

އެގޮތުން އެ އަނިޔާތަކާ ގުޅުގެން އެ ދެ މީހުން އައިޖީއެމްއެޗް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ކަމަށާއި، އަނިޔާ ލިބިފައިވަނީ ކައުންސިލް މެމްބަރަކާއި އުމުރުން ދުވަސްވީ ސަޕޯޓަރަކަށް ކަމަށް ހީނާ ވިދާޅުވިއެވެ.

މީގެއިތުރުން އެ ހަމަނުޖެހުމުގެ ތެރެއިން ޕީޕީއެމްގެ ކައުންސިލް މެމްބަރު އަމްސޫދާ ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށްވެސް ހީނާ ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ މުޅި ދުނިޔެ ކަނބަލުންނަށް ކުރާ އަނިޔާ އާއި ދެކޮޅަށް އަޑު އުފުލަމުން ދާއިރު ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ފެންނަނީ ބައެއް ވަޒީރުންވެސް ހިމެނޭ ގޮތަށް ފުރައްސާރަކޮށް އަނިޔާ ކުރާ މަންޒަރު ކަމަށެވެ.

މިކަމާ ގުޅިގެން ފުލުހުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.