Last Updated: April 27, 09:46
Saturday, April 27, 2024
ޚަބަރު

އިދިކޮޅު ކޯލިޝަނުގެ އިސްވެރިން ފުލުހަށް ހާޒިރުކޮށްފި

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ އިސްވެރިން ފުލުހަށް މިއަދު ހާޒިރުކޮށްފިއެވެ.

އިދިކޮޅު ކޯލިޝަނުން ބުނީ އެ ކޯލިޝަނުގެ ލީޑަޝިޕްގައި ހިމެނޭ ބައެއް ބޭފުޅުން މިއަދު މެންދުރު 2:00 ގައި ފުލުހަށް ހާޒިރުކޮށްފައިވާ ކަމަށެވެ. އެ ފަރާތްތައް ހާޒިރުކުރީ އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތާ ގުޅިގެން ކަމަށް ކޯލިޝަނުން ބުނެއެވެ.

އަންނަ ހޮނިހިރު ދުވަހަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ފަސް އަހަރަށް ޖަލަށްލާން ހުކުމް އިއްވިތާ އެއް އަހަރު ފުރޭ ދުވަހެވެ. އިދިކޮޅުން ވަނީ ޔާމީނަށް ކުރަމުންދާ އަނިޔާތަކާ ދެކޮޅު ހެދުމުގެ ގޮތުން އެ ދުވަހުގެ ހަވީރު 4 ޖަހާއިރު އިހުތިޖާޖް ކުރުމަށް ނިންމާފައެވެ.

"އަނިޔާއާ ދެކޮޅަށް ރާއްޖެ" މި ނަމުގައި ކުރިއަށްގެންދާ އިހުތިޖާޖު ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ކުރިއަށްދާނެ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެއެވެ. އަދި އެ ދުވަހުން ފެށިގެން ސިލްސިލާ ގޮތެއްގައި އެ ހަރަކާތް ކުރިއަށް ގެންދާނެ ކަމަށްވެސް ބުނެއެވެ.

ޔާމީން ފަސް އަހަރަށް ޖަލަށްލި މައްސަލައިގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު އެ މައްސަލަ މިހާރު އޮތީ ހުކުމާއި ހަމައަށް ގޮސްފައެވެ. އަދި ޔާމީންގެ މައްޗަށް ދައުލަތުން ވަނީ އިތުރު އާ ދެ ދައުވާއެއް އުފުލާފައެވެ.