ބޮޑު ހިޔާނާތް ހިންގި މީހުން ތިބީ ފިނި ކޮޓަރީގައި ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު ވިދާޅުވެއްޖެއެވެ.
ޔާމީން ފަސް އަހަރަށް ޖަލަށްލިތާ އެއް އަހަރު ފުރުމާ ދިމާކޮށް ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފެންނަން އޮތް ހަގީގަތަކީ ޔާމީންގެ މައްޗަށް އަނިޔާވެރިކަން އިސްކުރާތަން ކަމަށާއި އެކަން ކުރަނީ ތަހުގީގަށް ސަރުކާރުން ނުފޫޒު ފޯރުވާ އަސާސެއް ނެތް ކަންތައްތައް އުފަން ކުރުވައިގެން ކަމަށެވެ.
"ޕްރޮސެކިއުޝަން ގާނޫނު އަސާސީގައިވާ ގޮތަށް މިނިވަނެއް ނޫން. ބޮޑު ހިޔާނާތް ހިންގި މީހުން ތިބީ ފިނި ކޮޓަރީގައި. އިންސާފެއް ނެތް" ޖަމީލު ވިދާޅުވިއެވެ.
މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ޔާމީން ފަސް އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު 28 ވަނަ ދުވަހުއެވެ. އެގޮތުން މިއަދަކީ ޔާމީން ޖަލަށްލާން ހުކުމް ކުރިތާ އެއް އަހަރު ފުރޭ ދުވަސް ކަމަށްވާތީ، ރާއްޖޭގެ ހުރިހާ ސަރަަހައްދެއްގައި ވެސް މިއަދު ހަރަކާތްތައް ހިންގަން އިދިކޮޅުން ވަނީ ނިންމާފައެވެ.
އެގޮތުން އިދިކޮޅުން މިހާރު ވެސް އަންނަނީ ޔާމީނަށް ކުރާ އަނިޔާއާ ދެކޮޅަށް ކަނޑުމަތީގައި އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިހުތިޖާޖު ކުރަމުންނެވެ.
ޔާމީން ފަސް އަހަރަށް ޖަލަށްލި މައްސަލައިގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު އެ މައްސަލަ މިހާރު އޮތީ ހުކުމާއި ހަމައަށް ގޮސްފައެވެ. އަދި ޔާމީންގެ މައްޗަށް ދައުލަތުން ވަނީ އިތުރު އާ ދެ ދައުވާއެއް އުފުލާފައެވެ.