Last Updated: April 26, 23:00
Friday, April 26, 2024
ޚަބަރު

ޔާމީން "މިސްވެގެން" ޒުވާނުން ޝަކުވާ އެބަކުރޭ: ޝުޖާއު

ފަސް އަހަރަށް ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން "މިސްވެގެން" ގިނަ އަދަދެއްގެ ޒުވާނުން ޝަކުވާ ކުރަމުންދާ ކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޔާމީން ޖަލަށްލާން ހުކުމް ކުރިތާ އެއް އަހަރު ފުރުމާ ދިމާކޮށް މިއަދު ކަނޑުމަތީގައި ބޭއްވި ހަރަކާތުގައި ވާހަކަދައްކަމުން ޝުޖާއު ވިދާޅުވީ ޔާމީން ޖަލުގައި އޮންނަވާތީ ވަރަށް އަސަރުކުރާ ކަމަށާއި ނަމަވެސް ނިކުމެ މިތިބީ ޔާމީންގެ ހިތްވަރުން ހިތްވަރު ލިބިގެން ކަމަށެވެ.

އަދި ޖަލުގައި އޮންނެވީ ވަރަށް ވޭނުގައިކަން ވެސް އެނގިވަޑައިގަންނަވާ ކަމަށާއި، ޔާމީން މިނިވަން ކުރުމަށްޓަކާ ނުކުރާ އެއްވެސް މަސައްކަތެއް ދައުލަތުގެ ކިބައިން ނެތްކަން ފާހަގަކުރައްވައި ޝުޖާއު ވަނީ މުޅި ގައުމު ޔާމީނަށް ބޭނުން ޖެހިފައިވާ ކަމަށްވެސް ވިދާޅުވެފައެވެ.

"ރައީސް މިސްވެގެން މިއަދު އެތަކެއް ޒުވާނުން އެ ޝަކުވާ އެބަކުރޭ. ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތް ކުރަމުން ގެންދިޔަ ޒުވާނުުން އޭރު ގޮވަމުން ގެންދިޔައީ ގޮވުން. މިނިމަމް ވޭޖަކަށް އާދޭސް ކުރަމުންދިޔަ ދިޔުން. ނަމަވެސް ހުރިހާ ރިސޯޓުތަކުގެ މުވައްޒަފުން ރައީސް މިއަދު ތިބީ ގޭގައި ބަންދުކޮށް، ރަށު ބަންދުކޮށްފައި" ޝުޖާއު ވިދާޅުވިއެވެ.

މިއަދު އެތަކެއް ޒުވާނުންތަކެއް ހާލުގައި ޖެހި، މަސްވެރިން ބާނާ މަހަށް ލާރި ނުލިބިގެން އުޅޭއިރު ޔާމީންގެ ހިދުމަތް މުޅި ގައުމަށް ވަނީ "މިސްވެފައި" ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.

ޔާމީން ފަސް އަހަރަށް ޖަލަށްލި މައްސަލައިގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު އެ މައްސަލަ މިހާރު އޮތީ ހުކުމާއި ހަމައަށް ގޮސްފައެވެ. އަދި ޔާމީންގެ މައްޗަށް ދައުލަތުން ވަނީ އިތުރު އާ ދެ ދައުވާއެއް އުފުލާފައެވެ.

އެގޮތުން ޔާމީންގެ މައްޗަށް ދައުލަތުން އެންމެފަހުން އުފުލީ މަނީ ލޯންޑަރިން ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އެވެ.