Last Updated: April 23, 18:00
Tuesday, April 23, 2024
ޚަބަރު

ފްލައިން ސްކޫލް މައްސަލަ: އިހުމާލުވާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު!

އައިޝަތު ނަހުލާ - ފޮޓޯ: ރައީސް އޮފީސް

އައްޑޫ ސިޓީ ގަމުގައި ހިންގަމުން އަންނަ ފްލައިން ސްކޫލްގެ ދަރިވަރުންނަށް އިހުމާލުވާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ދެއްވައިފިއެވެ.

މިނިސްޓަރު ނަހުލާ މި އިންޒާރު ދެއްވާފައިމިވަނީ ފްލައިން ސްކޫލްގައި ކިޔަވަމުންދާ އިތުރު 15 ދަރިވަރަކު ވަކިކޮށްފައިވާ ދަނޑިވަޅެއްގައެވެ.

އިއްޔެ އާއި މިއަދު ސްކޫލުން އެ ދަރިވަރުންނަށް ފޮނުވި މެއިލްތަކުގައި ވަކިކުރި ސަބަބެއްގެ ގޮތުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ ސްކޫލުން ގަބޫލުކުރާ މިންވަރަށް ކޯސް ކުރިއަށް ގެންގޮސްފައި ނުވުމެވެ. މީގެތެރެއިން ބައެއް ދަރިވަރުން ވަކިކޮށްފައިމިވަނީ އިންޒާރެއް ވެސް ދިނުމަކާއި ނުލައެވެ.

މިކަމާ ގުޅިގެން މިނިސްޓަރު ނަހުލާ މިއަދު ވިދާޅުވީ ފްލައިންގ ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންނާ މެދު ބޭއިންސާފުން އަމަލު ކުރެވެމުންދާތީ އެކަން ކުށްވެރިކުރާ ކަމަށެވެ.

"ކަންތައްތައް ހައްލު ކުރުމަށް މަސައްކަތް ކުރެވެމުންދާ ވަގުތެއްގައި ކިޔަވާ ކުދިންނާއިމެދު ބޭއިންސާފުން އަމަލު ކުރެވެމުންދާތީ އެކަމަށް އިހުމާލު ވެފައިވާ ފަރާތްތަކާއިމެދު އަޅަންޖެހޭ ފިޔަވަޅު އަޅާނެ ވާާހަކަ ދަންނަވަން" ނަހުލާ ވިދާޅުވިއެވެ.

ފްލައިން ސްކޫލްގެ ދަރިވަރަކު މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ވެސް ވަކިކޮށްފައިވާއިރު، އެކަން މިހާރު ވަނީ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ސަމާލުކަމަށް ވެސް ގެނެސްފައެވެ.

ފްލައިން ސްކޫލުން ދަރިވަރުންނަށް އިތުރު ފިއްތުންތައް ކުރިމަތިކުރަން ފެށީ، އެ ސްކޫލަށް ފިޔަވަޅު އަޅާނެކަން ހާމަކޮށް ހަޔާ އެޑިއުކޭޝަނުން ނެރުނު ބަޔާނާއި ގުޅިގެންނެވެ. ނަމަވެސް އެ ބަޔާނުގައި އިސްލާހުކުރަން ސްކޫލަށް އެންގި ގިނަ ކަންކަން މަސް ދުވަސް ވީއިރު ވެސް ސްކޫލުން ރަނގަޅު ވެފައި ނުވާއިރު، އެކަމުގައި މިނިސްޓްރީން މިހާތަނަށް އެޅި ފިޔަވަޅެއް ވެސް ހާމަކޮށްފައެއް ނުވެއެވެ.

އައްޑޫ ފްލައިން ސްކޫލްގައި ގިނަ މައްސަލަތަކެއް ހުރިއިރު، އެ މައްސަލަތައް ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ވަނީ ގެނެސްފައެވެ. ނަމަވެސް މިހާތަނަށް އޭގެއިން އެއްވެސް ކަމަކަށް އެކަށީގެންވާ ހައްލެއް ލިބިފައި ނުވާއިރު، ސްކޫލްގެ ބައެއް ދަރިވަރުން އަންނަނީ އެކަމުގެ ކަންބޮޑުވުންތައް ސޯޝަލް މީޑިއާގައި ވެސް ހިއްސާކުރަމުންނެވެ.