Last Updated: April 16, 23:13
Tuesday, April 16, 2024
ވިޔަފާރި

35 މިލިޔަން ރުފިޔާގެ ފައިދާއާއެކު ފެނަކަ ތާރީޚުގެ ތެރެއަށް

2019 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ވާ ގޮތުން ޒަމާނުއްސުރެ ގެއްލުން ވަމުން ދިޔަ ފެނަކަ ކުންފުނި 35 މިލިއަން ރުފިޔާގެ ފައިދާ އާއެކު ތާރީޙު ބަދަލުކޮށްފިއެވެ.

އޮޑިޓް ރިޕޯޓާއި ގުޅިގެން ފެނަކައިން ނެރުނު ބަޔާނުގައި ބުނީ 18 ޑިސެމްބަރ 2018 ވަނަ ދުވަހުން ފެށިގެން މިއަދާހަމައަށް، ރައްޔިތުންނަށް ޙައްޤު މިންވަރު ހޯދައިދީ، ރައްކާތެރިކަމާއެކު ދެމެހެއްޓެނިވި އިތުބާރުހުރި ޚިދުމަތެއް ފޯރުކޮށްދިނުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.

އެގޮތުން 49 އާ އިންޖީނުގޭގެ މަސައްކަތް މުޅިން އަލަށް ފަށައި، 20 އިންޖީނުގެ އެއްކޮށް ނިންމައި، ކަރަންޓުގެ 77 މެގަވަޓް އިންސްޓޯލްކޮށް، މުޅި ރާއްޖޭގެ ހުރިހާ އިންޖީނުގެއެއް ސިންކްރޮނައިޒް ކުރެވި، ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރެވި، ޙައްލެއް ނުލިބި ޒަމާންވެ ދިގުލައިގެން ގޮސްފައިވާ ނަރުދަމާ ނިޒާމުތަކަށް ޙައްލު ހޯދައިދީ، ރައްކާތެރި ފެނުގެ ޚިދުމަތް ކަށަވަރު ކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކޮށްދިނުމާއެކު ސާފު ފައިދާގެ ގޮތުގައި 35 މިލިޔަން ރުފިޔާ ނެރެވުނުކަން 2019 ވަނަ އަހަރުގެ ކުންފުނީގެ އޮޑިޓް ރިޕޯޓުން ކަށަވަރު ކުރެވިގެން ދިއުމަކީ ކުންފުނި ހިންގުމުގައި އިޚްލާޞްތެރިކަން އިސްކޮށް، އަމާނާތްތެރިކަމާއި ތެދުވެރިކަމާއެކު ހެޔޮ ނިޔަތް ކުރިއަށް ނެރުމުގެ ނަތީޖާ ކަމަށް ފެނަކަ އިން ބުނެއެވެ.

އަދި ވައްކަމާއި ފަސާދައާއި ކޮރަޕްޝަނާއި އިސްރާފުގެ މުޑުދާރުކަމުން ކުންފުނި ސަލާމަތްކުރެވި، މިއަދުގެ މި ނަތީޖާ ދައްކުވައިދެނީ ކުންފުނީގައި ނަޒާޙާތްތެރިކަން އޮތް މިންވަރު ކަމަށާއި ކުންފުނީގެ ނަން ކިލަނބުކޮށް ކުންފުންޏާމެދު ނުރަނގަޅު ތަޞައްވުރެއް އުފެއްދުމަށް މަސައްކަތްކުރާ ފަރާތްތަކަށް ލިބިގެން މިދިޔައީ ނުހަނު ފުރިހަމަ ޖަވާބެއް ކަމަށްވެސް ފެނަކަ އިން ބުނެއެވެ.

"ކާމިޔާބުގެ އުފާވެރި މިވަގުތުވެސް ކުންފުނިން ރައްޔިތުންނަށް ދޭނެ ޔަޤީންކަމަކީ، ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު، ދެގޮތެއްނުވެ ދެމިތިބޭނެކަމާއި، ރައްޔިތުންގެ ލާބަޔާއި މަންފާއަށް ކުރާ މަސައްކަތްތައް މަޑުޖެހުމެއް ފަސްޖެހުމެއްނެތި އަވަސްމިނުގައި ކުރިއަށް ގެންގޮސްދޭނެ ކަން" ފެނަކަ އިން ބުނެއެވެ.