Last Updated: April 23, 23:56
Tuesday, April 23, 2024
ޚަބަރު

ބޯޑަރު ހުޅުވި ފަހުން 70،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފި

ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު ހުޅުވި ފަހުން މިހާތަނަށް 70،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރީ މާޗް މަހުގެ 27 ވަނަ ދުވަހުއެވެ. އަލުން ބޯޑަރު ހުޅުވާލީ މިދިޔަ މަހުގެ 15 ދުވަހު އެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ އަށް ޖުމްލަ 445،470 ފަތުރުވެރިން އައިސްފައިވާ އިރު، ބޯޑަރު ހުޅުވާލިފަހުން ރާއްޖެ އައިސްފައި ވަނީ 72،623 ފަތުރުވެރިންނެވެ.

މީގެތެރޭގައި ހިމެނެނީ ޖުލައިމަހު ރާއްޖެއައި 1752 ފަތުރުވެރިންނާއި، އޮގަސްޓްމަހު އައި 7628 ފަތުރުވެރިންނާއި، ސެޕްޓެމްބަރމަހު އައި 9538 ފަތުރުވެރިންގެ އިތުރުން އޮކްޓޯބަރ މަހު ރާއްޖެ އައިސްފައިވަނީ 21،515 ފަތުރުވެރިންނެވެ. އަދި މި މަހުގެ 28 ގެ ނިޔަލަށް 32،241 ފަތުރުވެރިން ރާއްޖެ ވަނީ ޒިޔާރަތްކޮށްފައެވެ.

ބޯޑަރު ހުޅުވާލިފަހުން މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރީ ރަޝިޔާ އިންނެވެ. އެގޮތުން އެގައުމުން ވަނީ 16،285 ފަތުރުވެރިން ރާއްޖެ އައިސްފައެވެ. އަދި ޔޫއޭއީ، އެމެރިކާ، ޔޫކޭ، އަދި ސްޕެއިން، ޖަރުމަނުވިލާތް، ފްރާންސް، ބްރެޒިލް، ޔޫކްރެއިން އަދި މިސްރުން ވެސް ރާއްޖެ އަށް ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވެއެވެ.