Last Updated: April 25, 06:02
Thursday, April 25, 2024
ޚަބަރު

ބަޖެޓަށް މިއަދު ވޯޓަށް އަހަނީ

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ދައުލަތުން ހުށަހެޅި ބަޖެޓަށް މިއަދު ވޯޓަށް އައްސަވާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިއަދުގެ ޖަލްސާގައި ވަނީ ބަޖެޓް ދިރާސާކުރި ކޮމިޓީން ބަޖެޓާއި މެދު ނިންމި ގޮތުގެ ރިޕޯޓަށް ބަހުސްކޮށް ނިންމާލާފައެވެ. އެގޮތުން ބަޖެޓް ދިރާސާކުރި ކޮމިޓީގެ ރިޕޯޓަށް 37 މެމްބަރުން ވާހަކަދެއްކެވިއެވެ.

ބަޖެޓްގެ ދިރާސާ ރިޕޯޓަށް ބަހުސް ކުރުމުގެ ވަގުތު ހަމަވެފައިވާއިރު، މަޖިލީހުގެ ރައީސް ވިދާޅުވީ މިއަދު 1:45 ގައި ބަޖެޓަށް ވޯޓަށް އައްސަވާނެ ކަމަށެވެ.

ކޮމިޓީން ގެނައި ބަދަލުތަކާއެކު ބަޖެޓްގެ ޖުމްލަ އަދަދު ވަނީ 34.92 ބިލިއަން ރުފިޔާއަށް އިތުރުކޮށްފައެވެ. މިއާއެކު މިހާރު ބަޖެޓް ޑެފިސިޓް ވާނެކަމަށް ލަފާކުރެވެނީ 12.3 ބިލިއަން ރުފިޔާއިންނެވެ. ބަޖެޓް ހުށަހެޅުނުއިރު ޑެފިސިޓްވާނެކަމަށް ލަފާކޮށްފައިވަނީ 15.5 ބިލިއަން ރުފިޔާއިންނެވެ.

އަދި ބަޖެޓަށް ގެނެވުނު ބަދަލުތަކުގެ ތެރޭގައި އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ކުރިން ލަފާކޮށްފައިވާ އަދަދު 17.8 ބިލިޔަން ރުފިޔާ އިން 21.28 ބިލިޔަން ރުފިޔާ އަށް ވަނީ އިތުރުވެފައެވެ.

މީގެއިތުރުން ޕީއެސްއައިޕީގެ މަޝްރޫޢުތައް ހިންގުމަށް ބަޖެޓުގައި މިހާރު ޖަހާފައިވާ އަދަދަށްވުރެ އިތުރު 135.2 މިލިޔަން ރުފިޔާ އިތުރު ކޮށްފައިވާއިރު، އޮފީސްތަކުގެ ޑޮމެސްޓިކް ޚަރަދުތަކުން 209 މިލިޔަން ރުފިޔާގެ ކުޑަވުމެއް ވަނީ އައިސްފައެވެ.