Last Updated: April 25, 22:42
Thursday, April 25, 2024
ރިޕޯޓް

ހޯދައިދޭން ތިޔަ އުޅެނީ އިންސާފެއް ނޫނެވެ.

ރައީސް ޔާމީނުގެ ރިޔާސީ ދައުރުގެ އަނިޔާތަކުގެ ވާހަކަޔަކީ އެންމެފަހުގެ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު އިދިކޮޅު ކޯލިޝަނުން އެންމެ ގިނައިން ދެއްކި ވާހަކައެވެ. ޖަލުގައި ބަޔަކު މަރުވިއެވެ. އެތައްބަޔަކު ތިބީ އަނބިދަރީންދޫކޮށް ފިލައިގެން ރާއްޖެއިން ބޭރުގައެވެ. ސިޔާސީ ހުރިހައި ލީޑަރުން ތިބީ ޖަލުގައެވެ. އުއްތަމަފަޑިޔާރުވެސް ހިމެނޭގޮތުން ފަޑިޔާރުންގެ އެތައް ބަޔަކުވެސް ތިބީ ޖަލުގައެވެ. ރައްޔިތުންގެ މަޖިލީހުގެ ވަރަށް ގިނަ މެންބަރުންވެސް ތިބީ ޖަލުގައެވެ. އެތައް އާއިލާއެއް ވަނީ ބިކަވެފައެވެ. މައިންނާއި އަނބީންނާއި ދަރީންގެ ލޯތަކުން އޮހޮރުނު ކަރުނައިގެ ވާހަކަ ދެއްކުމެއްވެސް ނެތެވެ.

އިބްރާހިމް މުހައްމަދު ސާލިހުގެ ކެމްޕޭނުގެ އެންމެ އިސް ޝިއާރަކީ "އަނިޔާވެރިކަން ނިންމުމަށް އެންމެ ގުޅިގެން" މިހެންނެވެ. އެންމެންގެ އެދުމަކީ އަނިޔާވެރިކަން ނިންމުމެވެ. ރައީސްކަމަށް ވަޑައިގަތުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ދުވަސްވަރު މަޖިލީހުގެ ކޮންޓްރޯލް ހޯއްދެވުމަށްޓަކައިވެސް އެމަނިކުފާނު ބޭނުންކުރެއްވި އިސް ހަތިޔާރަކީ އަނިޔާގެ ވާހަކައެވެ. އިންސާފު ގާއިމުކުރުން އަވަސްކުރުމަށް މަޖިލީހުގެ ކޮންޓްރޯލް ސަރުކާރަށް ލިބުން މުހިއްމު ކަމުގެ ވާހަކައެވެ. އިންތިގާލީ އިންސާފު ހޯދައިދެވޭނީ އޭރުންކަމަށްވެސް ވިދާޅުވިއެވެ. މަޖިލިސް ކެމްޕޭނުގައި އެމްޑީޕީގެ އެޖެންޑާ ނަވާރައިގެ ވައުދުތަކުގެ ތެރެއިން އިސްވައުދަކީވެސް އިންތިގާލީ އިންސާފުގެ ވައުދެވެ.

އިންތިގާލީ އިންސާފަކީ ކޮބައިބާވައެވެ. ރައްޔިތުންގެ ބޮލަށް ވަދެފައިވާ އެއްޗަކީ ޔާމީނުގެ ދައުރުގެ އަނިޔާތަކެވެ. ބޭނުންވެފައި ތިބީ އެކަމުގެ އިންސާފެވެ. ކޮންމެއަކަސް އިންތިގާލީ އިންސާފުގެ ބިލް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށައެޅިއިރު ރައީސް ޔާމީނުގެ ދައުރުން ބޭރުގެ ކުޑަތަންކޮޅެއްވެސް އާދެއެވެ. އެއީ ރައީސް ޑރ ވަހީދުގެ ދައުރެވެ. ބިލްގައި ވަނީ 2012 ވަނަ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް ދައުލަތުގެ މުއައްސަސާތަކުން ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ޚިލާފަށް ހިންގާފައިވާ ބޮޑެތި އަނިޔާތައް ބަލައި ތަހުގީގުކޮށް އެފަދަ ކަންކަމަށް އިންސާފު ހޯދައިދިނުމުގެ ވާހަކައެވެ.

ރައީސް ޔާމީނުގެ ދައުރުން ބޭރުގެ ދުވަސްކޮޅެއްގެ ވާހަކަ އައުމަކީ އަނެއްހެން މައްސަލައެއް ނޫނެވެ. ސަރުކާރަކީ އެމްޑީޕީގެ ސަރުކާރެކެވެ. މަޖިލީހަކީ އެމްޑީޕީގެ މަޖިލީހެކެވެ. އެމްޑީޕީން އަނިޔާގެ ވާހަކަ ދައްކަންޏާ ރައީސް ނަޝީދުގެ ވެރިކަން ނިމުމަށްފަހު ދެން އެހިނގި ކަންކަމުގެ ވާހަކަ ދައްކާނެއެވެ. ދެއްކޭނެއެވެ. ބިލް ފަރުމާކުރީ އެމްޑީޕީންނެވެ. އެހެންވީމާ އިންތިގާލީ އިންސާފުގެ މެންޑޭޓުގެ ތެރެޔަށް ރައީސް ވަހީދުގެ ދައުރު ވައްދައިލީއެވެ. ކޮންމެއަކަސް މަޖިލީހުގެ ކޮމިޓީ މަރުހަލާގައި އަހަރެއްހައި ދުވަހު ދިރާސާކުރުމުގެ ނަމުގައި މިބިލް ތަޅުވަތަޅުވައި ހަލުވަހަލުވައިފައި އިސްލާހުތަކެއް ގެނެސްފިއެވެ. އެ އިސްލާހުތައް ހާމަވެސްކޮށްފިއެވެ.

އިންތިގާލީ އިންސާފުގެ ބިލް އިސްލާހުކުރީމާ މިހާރު އޮތީ މިހެންނެވެ. މުހައްމަދު އަމީނުގެ ޖުމްހޫރިއްޔާ ފެށުނު ދުވަހުން ފެށިގެން އިބްރާހިމް މުހައްމަދު ސާލިހުގެ ދައުރު ފެށުނު ދުވަހާ ހަމަޔަށް މިރާއްޖޭގައި ހިނގާފައިވާ އަނިޔާގެ ހުރިހާ އަމަލުތައް ތަހުގީގުކޮށް އެކަންކަމަށް އިންސާފު ހޯދައިދޭންވާނެއެވެ. އެއީ ސަރުކާރަށް ލާޒިމު ކަމެކެވެ. މިގޮތަށް ބިލް ފަރުމާކުރުމަށްފަހު ކޮމިޓީން ބުންޏެވެ. އިސްލާހުތައް ގެނެސްފައިވަނީ އާންމުންގެ ޚިޔާލު ހޯދުމަށް މަޖިލިހުގައި ބޭއްވި ފޯރަމުން ފައިދާވި ޚިޔާލުތަކާއި އެނޫންވެސް ގޮތްގޮތަށް އާއްމުން ފޮނުވި ޚިޔާލުތަކަށް ރިއާޔަތްކޮށްފައެވެ. ކޮންމެއަކަސް މިހާރު އެއޮތީ ހަތްދިހަ އަހަރުގެ އިންތިގާލީ އިންސާފެއް އުފައްދައިފައެވެ.

މިހިސާބުން އުފެދެނީ ވަރަށް ބޮޑު ސުވާލެކެވެ. ކުރާނަމޭ ބުނި ކަންތަކާއި ކުރެވުނު ކަންތައް ދިމާވޭބާވައެވެ. ކުރާން މިއުޅެނީ ކޮންކަމެއް ބާވައެވެ. މުހައްމަދު އަމީނުގެ ދައުރާއި ފާމުލަދޭރިކިލެގެފާނުގެ ދައުރާއި ނާސިރުގެ ދައުރު މީގެ ތެރެޔަށް ލުމުގެ ހަގީގީ މަގްސަދަކީ ކޮބައިބާވައެވެ. އަނިޔާކުރި މީހުންނާއި އަނިޔާލިބުނު މީހުން ދުނިޔޭގައި ތިބީއަކީވެސް ނޫނެވެ. އަނިޔާތައް މަދެއްވެސް ނޫނެވެ. ދެން ރާއްޖޭގެ އެތަންމިތަނުން އަމީނާއި ނާސިރާ ދެކޮޅަށް މައްސަލަތައް ހުށައެޅީމާ އެކަންކަން ތަހުގީގުކޮށް އިންސާފަކާއި ހަމަޔަށް ދެވޭނެބާވައެވެ. މުސްތަހީލު ކަމެކެވެ. މިއުޅެނީ ކުރާނޭ ކަންތައް މަދުވެގެނެއް ނޫނެވެ.

ފާއިތުވި ހަތްދިހަ އަހަރަކީ ހާދަހާ ދިގު ތާރީޚެކެވެ. ކުށެއްނެތް ހާދަގިނަ ބަޔަކަށް އަނިޔާތައް ލިބިފައިވާނެއެވެ. ހާދަހާ ގިނަބައެއްގެ ބޮލުގައި ބަޣާވާތުގެ އިލްޒާމު އެޅި ގެދޮރާއި މުދައު ފޭރިގެންފައިވާނެއެވެ. އެހެންވީމާ މިޒާތުގެ ކަންކަމުގެ ސަފުހާތައް އަލުން ހުޅުވައިގެން ބެލުމަކީ ބަޔަކަށް ކުޅަދާނަވެގެންވާ ކަމަކަށްވެސް ނުވާނެއެވެ. ކުޅަދާނަވެގެންނުވާ ކަމެއް ކުރާން އުޅުނީމާ ދެން ކުޅެވޭނީ ތަމްސީލެވެ. ގެއްލޭނީ ކުރާން ހުންނަ މުހިއްމު އެހެން ކަންކަމަށް ދޭންޖެހޭ ސަމާލުކަމެވެ. ގެއްލިގެންދާނީ ކަންކަމުގެ ފޯކަހެވެ. އިންތިގާލީ އިންސާފޭ ކިޔަނީ ދެބޯގެރި ދުއްވުމަކަށް ނޫނެވެ. އެއީ އަނދިރިއަނދިރިންގެ މައްސަލަ ސަރިޔަތަށް ހުށައެޅުމެއްވެސް ނޫނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ރިޔާސީ ވައުދު ފުއްދާންވާނެއެވެ. އެމްޑީޕީގެ އެޖެންޑާ ނަވާރައިގެ ވައުދުވެސް ފުއްދާންވާނެއެވެ. ހުރިހާ އާރަކާއި ބާރެއް މިއަދު ލިބިފައި އެބައޮތެވެ. އެހެންވީމާ ވައުދު ފުއްދުމަކަށް ހުރަހެއްވެސް ނެތެވެ. އެކަމަކު އެކަންކުރަންވާނީ ވައުދާ އެއްގޮތަށެވެ. ވައުދުވެފައިވަނީ ތަމްސީލުކުޅޭކަށް ނޫނެވެ. ވައުދުވެފައިވަނީ ކަންކަމުގެ ފޯކަސް ގެއްލުވާކަށްވެސް ނޫނެވެ. ސަރުކާރުން ބޭނުންވީމާ ކަންކަން ކުރެވިދާނެއެވެ. އެކަމަކު މިނޫންގޮތަކަށް ކުރާ ކަންކަން މީހުން ބަލައިނުގަންނާނެއެވެ. މީހުން ބަލައިނުގަންނަ ކަމެއް ކުރުމުގެ މަންފާއެއް އޮންނާނެ ބާވައެވެ. އޮންނާނެ ކަމަކަށް ނުބެލެވެއެވެ.