Last Updated: April 18, 06:02
Thursday, April 18, 2024
ޚަބަރު

އެމްޕީއެލްގެ ޗެއާމަން މަގާމުން ޒަކީ އިސްތިއުފާ ދީފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޗެއާމަންގެ މަގާމުން މުހައްމަދު ޒަކީ (ނަޒާކީ ޒަކީ) އިސްތިއުފާ ދެއްވައިފި އެވެ.

ޒަކީ އެމްޕީއެލްގެ ޗެއާމަންގެ މަގާމުން އިސްތިއުފާ ދެއްވިކަން އެ ކުންފުނިން ކަށަވަރުކޮށްދިން ނަމަވެސް އިސްތިއުފާ ދެއްވި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.

ޒަކީ އިސްތިއުފާ ދެއްވާފައިމިވަނީ ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުންކުރި މުއްދަތުގެ ތެރޭގައި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގައި ކޮށްފައިވާ ބައެއް މުއާމަލާތްތަކުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވާ މައްސަލައެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

އެމްޕީއެލް އިން ނެރުނު ބަޔާނެއްގައި ބުނީ އެކަމާ ގުޅިގެން، ކުންފުނީގެ އިންޓާނަލް އޮޑިޓަރުން ރިޕޯޓެއް އެކުލަވާލާފައިވާ ކަމަށާއި އެ މައްސަލައިގައި ބަލަންޖެހޭ އިތުރު ކަންތައްތަކެއް ފާހަގަވެ، އެ ކަންކަން ތަހުގީގު ކުރުމަށް މިހާރު މަސައްކަތް ފަށާފައިވާ ކަމަށެވެ.

އަދި އެ ތަހުގީގުން ހާމަވެފައިވާ މައުލޫމާތުތަކަށް ބިނާކޮށް، އެ ހިޔާނާތުގައި ޝާމިލުވާކަމަށް ޝައްކުކުރެވޭ މުވައްޒަފުން މިހާރު ސަސްޕެންޑްކުރެވިފައިވާ ކަމަށްވެސް އެމްޕީއެލް އިން ބުނެއެވެ.

މީގެއިތުރުން މި މައްސަލަ އިތުރަށް ތަހުގީގުކުރުމަށް ފުލުހުންނާއި، އޮޑިޓާ ޖެނެރަލް އޮފީހުގެ އިތުރުން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް މިހާރު ހުށަހަޅާފައިވާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.