Last Updated: May 8, 18:00
Wednesday, May 8, 2024
ޚަބަރު

ގާޒީ ބާރީ ވަކިކުރަން ފާސްކޮށްފި

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ، އަބްދުލް ބާރީ ޔޫސުފް: ފޮޓޯ - އަވަސް

ޖުވެނައިލް ކޯޓުގެ ޤާޟީ ޢަބްދުލްބާރީ ޔޫސުފު ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ބާރީ ފަނޑިޔާރު ކަމުން ވަކިކޮށްދިނުމަށް އެދި މަޖިލީހަށް ހުށަހެޅީ ޖުޑިޝަލް ސާވިސް ކޮމިޝަނުންނެވެ.

ބާރީ ވަކިކުރަން ފެންނަ ކަމަށް 67 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ. ނުފެންނަ ކަމަށް އެއްވެސް މެމްބަރެއް ވޯޓު ދެއްވާފައެއް ނުވެއެވެ.

ޖޭއެސްސީން ބުނީ ޤާޟީ ޢަބްދުލްބާރީ ޔޫސުފާ ގުޅޭގޮތުން ކޮމިޝަނުން ބަލާފައިވަނީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ) މެދުވެރިކޮށް ޚިޔާނާތްތެރިވި ފައިސާއިން ގާޒީ ބާރީ މާލީ މަންފާ ހޯދާފައިވާ ކަމަށް ބުނެ ހުށަހެޅުނު މައްސަލައާއި، މެއި 2014 އިން ފެބްރުއަރީ 2018 އަށް ޤާޟީ ބާރީ ޢަމަލީގޮތުން ވިޔަފާރީގެ ތެރޭގައި ހަރަކާތްތެރިވިކަމާއި، މި މުއްދަތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހުށަހަޅާފައިވާ އެސެޓް ޑިކްލަރޭޝަން ފޯމުތަކުގައި، މިވިޔަފާރިން ލިބުނު އާމްދަނީ ހާމަކޮށްފައިނުވާކަމަށް ބުނެ ތަޙްޤީޤުކޮށްފައިވާ މައްސަލައެއް ކަމަށެވެ.

އެގޮތުން މިމައްސަލަތަކުގެ ތަޚްޤީޤުގެ ތެރެއިން ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރު އާއި ޤާޟީ ބާރީ ގާތް ގުޅުމެއް އޮތްކަމާއި، ކްރިމިނަލް ކޯޓުގައި ހިނގި ބޮޑެތި ޝަރީޢަތްތަކާ ގުޅިގެން އަދީބުގެ ކާރު ޕާކްކުރާ ގަރާޖުގައި އިތުރު ފަނޑިޔާރުންތަކަކާއެކު އަދީބާއެކު ބޭއްވި ބައްދަލުވުންތަކެއްގައި ޤާޟީ ބާރީ ބައިވެރިވިކަން ފާހަގަކުރެވިފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ.

އަދި، ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް އުފުލުނު ޓެރަރިޒަމް ކުށުގެ ދަޢުވާގައި، ރައީސް ނަޝީދުގެ މައްޗަށް ޙުކުމްކުރުމުގެ ކުރިން އެ މައްސަލައިގެ ޙުކުމުގެ ކޮޕީއެއް އަދީބަށް ފޮނުވުމަށް ޤާޟީ ބާރީ އެޙުކުމް ދިންކަންވެސް ފާހަގަކުރެވިފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ.

މީގެއިތުރުން ޝަރީޢަތްތައް އެއިރު ސަރުކާރުން ބޭނުންވިގޮތަށް ނިންމާދިން ފަނޑިޔާރުންނަށް އިނާޔަތްތައް ދިންއިރު، ޤާޟީ ބާރީ އަށް ފްލެޓެއް ބޭނުންވުމުން، އޭނާގެ އަނބިކަނބަލުންގެ ނަމުގައި ފްލެޓެއް ހަމަޖައްސައިދިނުމަށް ނިންމިކަން އެނގެން އޮތްކަމާއި، ހަމަ އެ ދުވަސްވަރު އަދީބުގެ ފަރާތުން 500,000.00 (ފަސް ލައްކަ) ދިވެހި ރުފިޔާ ބާރީ އަށް ދީފައިވާކަމަށްވެސް ޖޭއެސްސީން ބުނެއެވެ.

އަދި ބާރީގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ފްލެޓް ގަތުމަށް އެޑްވާންސަށް 600،000.00 (ހަ ލައްކަ ރުފިޔާ) ނަގުދު ފައިސާއިން އޭނާ ދައްކާފައިވާއިރު، އެފައިސާއަކީ ބާރީ ނާޖާއިޒު ގޮތުގައި ހޯދައިފައިވާ ފައިސާ ކަމުގައި ކޮމިޝަނުން ކުރި ތަހުގީގަށް ފާހަގަވާ ކަމަށްވެސް ބުނެފައިވެއެވެ.

ގާޒީ ބާރީ ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމުގެ މައްސަލައާމެދު ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވިއިރު އެމްއެމްޕީއާރްސީ މެދުވެރިކޮށް ޚިޔާނާތްތެރިވި ފައިސާއިން މާލީ މަންފާ ލިބިފައިވާ ފަނޑިޔާރުންގެ ތެރެއިން ބާރީއާ ބެހޭގޮތުން ޖިނާޢީ ތަޙްޤީޤު ކުރަމުންދާކަމަށް ފުލުހުން އަންގާފައިވާތީ އޭނާ ހުންނެވީ ސަސްޕެންޑުކޮށްފައެވެ.