Last Updated: April 26, 15:02
Friday, April 26, 2024
ޚަބަރު

ހެދިކާ އިންވެސް ޓެކްސް ނަގާ ހިސާބަށް ގައުމުގެ ހާލަތު ގޮސްފި: އިދިކޮޅު

ހަވީރު ސަޔަށް ހަދާ ހެދިކާ އިންވެސް ޓެކްސް ނަގާ ހިސާބަށް ގައުމުގެ ހާލަތު ގޮސްފައިވާ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.

މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓުގައި ލިބޭނެ ކަމަށް އަންދާޒާކޮށް އާމްދަނީގެ ގޮތުގައި ޖަހާފައިވާ އަދަދަކީ ހަގީގަތުގައި ލިބޭނެ އެއްޗެއް ނޫން ކަމަށާއި މިއީ ގޮތްކުޑަ އަދި ހަޑިމުޑުދާރު ބަޖެޓެއް ކަމަށެވެ.

އެގޮތުން މިހާރުވެސް ތަފާތު އެކި ނަންނަމުގައި ޓެކްސްތައް ނަގަމުންދާއިރު އަންނަ އަހަރުވެސް އިތުރު ޓެކްސްތަކެއް ނެގުމަށް ބަޖެޓުގައި ހިމަނާފައިވާކަން ފާހަގަކުރައްވަމުން ސަލީމް ވަނީ މާލޭގައި ތޮއްޖެހޭތީ ކަމަށް ބުނެ ޓެކްސް އެއް ނަގަން އުޅުމަކީ ނުރައްކާތެރި ކަމެއް ކަމަށް ވިދާޅުވެފައެވެ.

"އަނެއް ބޭފުޅަކު ވިދާޅުވާ ގޮތުންނަމަ ގޭގައި ހަވީރު ސަޔަށް ހަދާ ހެދިކާ އިންވެސް ޓެކްސް ނަގާ ހިސާބަށް ދައުލަތް އޮތީ ދާ ހިސާބަށް ގޮސްފައި. ގޭގައި ހަވީރު އަޅުގަނޑުމެން ހަދާ ހެދިކޮޅުން ވެސް ޓެކްސް ނަގާ ހިސާބަށް ގައުމުގެ ހާލަތު މިހާރު އޮތީ ގޮސްފައި" ސަލީމް ވިދާޅުވިއެވެ.

މި ދަރަޖަ އަށް ގައުމުގެ ހާލަތު ދިޔުމުން އެކަމާ މެދު ވިސްނަންޖެހޭ ކަމަށާއި، އަދި ބަޖެޓަށް ވޯޓަށް އެހިއިރު އެ ވޯޓުގައި ބައިވެރިނުވީ ވެސް އެ ސަބަބާއި ހުރެ ކަމަށްވެސް މަޖިލީހުގެ މައިނޯރިޓީ ލީޑަރުކަން ވެސް ކުރައްވަމުން ގެންދަވާ ސަލީމް ވިދާޅުވިއެވެ.

މީގެއިތުރުން ސަލީމް ވަނީ ނެތް ފައިސާ އަކުން ހަރަދުކުރަން ސަރުކާރުން އުޅޭތީ ޑޮލަރުގެ އަގު ވެސް އިންތިހާ އަށް އުފުލުމުގެ ބިރު އޮތް ކަމަށްވެސް ވިދާޅުވެފައެވެ. އެގޮތުން ޑޮލަރުގެ އަގު 22 ރުފިޔާ އާއި 25 ރުފިޔާއާ ދޭތެރޭގެ އަދަދަކަށް އުފުލުން އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވިއެވެ.