Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

އެއްވެސް ވައްކަމެއް ބެލޭނެ ގޮތެއް ނެތް: ދިޔާނާ

ކުރީގެ ބަންޑާރަނައިބް ދިޔާނާ ސައީދު - ފޮޓޯ: ވީނިއުސް

އެއްވެސް ވައްކަމެއް ބެލޭނެ ގޮތެއް ނެތްކަމަށް ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސައީދު ވިދާޅުވެއްޖެ އެވެ.

ދިޔާނާ މިހެން ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުންކުރި މުއްދަތުގެ ތެރޭގައި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގައި ކޮށްފައިވާ ބައެއް މުއާމަލާތްތަކުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގި މައްސަލަ އަށް އިޝާރާތް ކުރައްވަމުންނެވެ.

އެ މައްސަލައާ ގުޅިގެން އެމްޕީއެލްގެ ޗެއާމަންގެ މަގާމުގައި ހުންނެވި މުހައްމަދު ޒަކީ (ނަޒާކީ ޒަކީ) މިއަދު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ދިޔާނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުޅި ދައުލަތުގައި އޮތީ ވައްކަމާއި ހިޔާނާތް ކަމަށެވެ. އެގޮތުން އެމްއެމްޕީއާރުސީ އާއި އެމްޕީއެލްގެ އިތުރުން ޕަބްލިކް ޕްރޮކިއުމެންޓުގެ ވައްކަން ދިޔާނާ ފާހަގަކުރެއްވިއެވެ. ނަމަވެސް އެއްވެސް ވައްކަމެއް ބެލޭނެ ގޮތެއް ނެތްކަމަށް ދިޔާނާ ވިދާޅުވިއެވެ.

އެމްޕީއެލް އިން ނެރުނު ބަޔާނެއްގައި ބުނީ އެކަމާ ގުޅިގެން، ކުންފުނީގެ އިންޓާނަލް އޮޑިޓަރުން ރިޕޯޓެއް އެކުލަވާލާފައިވާ ކަމަށާއި އެ މައްސަލައިގައި ބަލަންޖެހޭ އިތުރު ކަންތައްތަކެއް ފާހަގަވެ، އެ ކަންކަން ތަހުގީގު ކުރުމަށް މިހާރު މަސައްކަތް ފަށާފައިވާ ކަމަށެވެ.

އަދި އެ ތަހުގީގުން ހާމަވެފައިވާ މައުލޫމާތުތަކަށް ބިނާކޮށް، އެ ހިޔާނާތުގައި ޝާމިލުވާކަމަށް ޝައްކުކުރެވޭ މުވައްޒަފުން މިހާރު ސަސްޕެންޑްކުރެވިފައިވާ ކަމަށްވެސް އެމްޕީއެލް އިން ބުނެއެވެ.

މީގެއިތުރުން މި މައްސަލަ އިތުރަށް ތަހުގީގުކުރުމަށް ފުލުހުންނާއި، އޮޑިޓާ ޖެނެރަލް އޮފީހުގެ އިތުރުން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް މިހާރު ހުށަހަޅާފައިވާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.