Last Updated: June 17, 18:14
Tuesday, June 17, 2025
ޚަބަރު

އެއްވެސް ފުލުހަކާމެދު ބަދަލު ހިފުމުގެ ނިޔަތެއް ނެތް: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު - ފޮޓޯ: މަޖިލިސް

ފުލުހުންގެ ގާނޫނަށް އިސްލާހު ގެންނަނީ، އެއްވެސް ފުލުހަކާމެދު ބަދަލު ހިފުމުގެ ނިޔަތެއްގައި ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވެފައިމިވަނީ ފުލުހުންގެ ގާނޫނަށް އިސްލާހު ގެންނަނީ ބަދަލު ހިފައި، ފުލުހުންގެ މުއައްސަސާ ސިޔާސީ ކުރުމަށް ކަމަށް ބުނެ މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް ޝަރީފް ތުހުމަތުތަކެއް ކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ހުރިހާ ފުލުހުން ވެސް އެ ބިލު ކިޔުއްވަން އެދިވަޑައިގަންނަވާ ކަމަށާއި އެގޮތުން މި ބިލުން މިއިން ޒަމާނެއްގައި ވެސް ފުލުހުންގެ މުއައްސަސާ ކުރިއަރައިގެން ނުދާނެ މިންވަރަށް ކުރިއަރައިގެން ދިޔުމަށް ޖާގަ ލިބޭނެ ކަމަށެވެ.

އެގޮތުން ހާއްސަކޮށް ފުލުހުންގެ ޕްރޮމޯޝަންގެ ކަންކަން އިންސާފުވެރިކަމާއެކު މި ބިލު ކުރިއަށް ގެންގޮސްދޭނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

"މަގާމުގެ ކުރިއެރުން ލިބޭނެ ގޮތްތައް މި ބިލުގައި ސާފުކޮށްދޭނެ. ފުލުހުންގެ އިނާޔަތާއި، ފުލުހުންނަށް ލިބޭ އެހެން ވެސް އެހީތައް މި ބިލުގައި ސާފުކޮށް ލިޔެފައިވާނެ. މިއަދު ހުރިހާ ފުލުހުންނަށްވެސް މި ބިލާއެކުގައި ސާފުވެގެންދާނެ އެ ބޭފުޅުންނަށް އޮތީ ކޯޗެއްތޯ ނެތީ ކޯޗެއްތޯ. ގޯހަކީ ކޮބައިތޯ. ރަނގަޅަކީ ކޮބައިތޯ. މަގާމުގެ ކުރިއަރައިގެން ދެވޭނީ ކޮން ގޮތަކަށް މަސައްކަތް ކުރީމަތޯ" ނަޝީދު ވިދާޅުވިއެވެ.

އަދި މިއީ އެއްވެސް ހާލެއްގައި އެއްވެސް ފުލުސް އޮފިސަރަކަށް ވެސް ފުލުހުންގެ އާދައިގެ ބޭފުޅަކާއި މެދު ބަދަލު ހިފުމުގެ ނިޔަތެއް އެކުލެވޭ ބިލެއް ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އެއްވެސް ހާލެއްގައި މިއީކީ އެއްވެސް ފުލުސް އޮފިސަރަކަށްވެސް ފުލުހުންގެ އާދައިގެ ބޭފުޅަކަށްވެސް ހާއްސަކޮށް އަމާޒުވެ، ދެކޮޅު ހެދުން. ބަދަލު ހިފުން. ޖަދަލު ކުރުން. މީގެން އެއްވެސް ނިޔަތެއްގައި އެކުލަވާލެވިފައިވާ ބިލެއް ނޫން" ނަޝީދު ވިދާޅުވިއެވެ.