"ބުރެވި" ތޫފާނުގެ އަސަރު މިއަދު ހަވީރުން ފެށިގެން ރާއްޖޭގެ ސަރަހައްދަށް ކުރާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ.
އެމްއެންޑީއެފުން ބުނީ މި ތޫފާނުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފައިވާތީ ކަނޑުދަތުރުކުރައްވާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދެވުމަށްފަހު ދަތުރުތައް ރޭވުމަށް އިލްތިމާސްކުރާ ކަމަށެވެ.
މިގޮތުން ދަތުރުކުރާ ފަރާތްތަކުން ދަތުރަށް ފުރުމުގެ ކުރިން އަންގަންޖެހޭ ފަރާތްތަކަށް އެންގުމާއި އަދި އުޅަނދުގައި ލައިފްޖެކެޓާއި މުޢާސަލާތީ ނިޒާމާއި ދިޔަހިއްކާ ޕަންޕްފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކް ކުރުމާއި، ޚާއްޞަކޮށް ކުދި، ސަލާމަތީގޮތުން ރައްކާތެރިކަން ކުޑަ އުޅަނދުފަހަރުގައި ރޭގަނޑު، އަދި ވިއްސާރައިރު ދަތުރު ނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
މީގެއިތުރުން މުދާ އުފުލާ އުޅަނދުފަހަރުތަކުން ވެސް މުދާ ބަރުކުރުމުގައި ގަވާއިދުތަކަށް ޢަމަލު ކުރުމާއި ލައިސަންލުމުގައި ރަނގަޅަށް އައްސާފައި ބެހެއްޓުމުގެ އިތުރުން ފަޅުތެރެއާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި ކެޕްޓަނުން އޮޑިދޯނިފަހަރު ބެލެހެއްޓުމާއި ދިޔަ ހިއްކުމަށް ސަމާލުކަން ދިނުމަށް ވެސް ވަނީ އަންގާފައެވެ.
ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން އެއްވެސް ހާދިސާއެއް ހިނގައިފިނަމަ، ލަސްނުކޮށް ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުމަށް ވަނީ އެދިފައެވެ.