Last Updated: June 17, 18:14
Tuesday, June 17, 2025
ޚަބަރު

ސަރުކާރުގެ ވެރިންނަށް މަރުހަބާ ދަންނަވަން ދަރިވަރުން ނުނެރެން އަންގައިފި

ހޯރަފުށި އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

ދައުލަތުގެ އިސް ވެރިން ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި މަރުޙަބާ ދެންނެވުމަށް، ރަށްރަށުގެ ސްކޫލް މަދަރުސާތަކުގެ ދަރިވަރުން ނެރެގެން ހަރަކާތްތައް ނުހިންގުމަށް ރައީސް އޮފީހުން އިލްތިމާސްކުރައްވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު މިއަދު ވިދާޅުވީ ދައުލަތުގެ އިސް ވެރިން ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި މަރުޙަބާ ދެންނެވުމަށް، ރަށްރަށުގެ ސްކޫލް މަދަރުސާތަކުގެ ދަރިވަރުން، ނެރެގެން އެއްވެސް ޙަރަކާތެއް ހިންގުމަކީ، ސަރުކާރުން ތަރުޙީބުދޭ ކަމެއް ނޫން ކަމަށެވެ.

އަދި އެފަދަ އެއްވެސް ޙަރަކާތެއްގައި ސްކޫލް މަދަރުސާތަކުގެ ދަރިވަރުން ބައިވެރިކުރުމަށް، ރައީސް އޮފީހުންވެސް އަދި ސަރުކާރުގެ އެއްވެސް ވުޒާރާއަކުން ވެސް، އެއްވެސް ރަށެއްގެ ސްކޫލް މަދަރުސާއަކަށް، އަދި އެއްވެސް ކައުންސިލަކަށްވެސް އަންގައިފައި ނުވާނެ ކަމަށް ހޫދު ވިދާޅުވިއެވެ.

އެގޮތުން މިފަދަ ޙަރަކާތްތަކުގައި، ސްކޫލް މަދަރުސާތަކުގެ ދަރިވަރުން ބައިވެރިނުކުރުމަށް، ދައުލަތުގެ ކަމާ ބެހޭ އެންމެހައި އިދާރާތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިލްތިމާސްކުރައްވާ ކަމަށްވެސް ހޫދު ވިދާޅުވިއެވެ.

ހޫދު މިހެން ވިދާޅުވެފައިމިވަނީ ލ.ގަމުގައި މާދަމާ ރައީސް ސޯލިހު ބައިވެރިވެވަޑައިގަންނަވާ ރަސްމިއްޔާތެއްގައި އެ ރަށު ހަމަދު ސްކޫލްގެ ދަރިވަރުން ބައިވެރިކޮށްދޭން އެ ރަށު ކައުންސިލުން އެދިފައިވާ ދަނޑިވަޅެއްގައެވެ.

ސަރުކާރުގެ ވެރިންނާއި އިއްޒަތްތެރިންނަށް މަރުހަބާ ދެންނެވުމަށް ދަރިވަރުން ނުނެރެން އެޑިއުކޭޝަން މިނިސްޓްރީން ވެސް މީގެކުރިން ވަނީ އަންގާފައެވެ.