Last Updated: June 17, 18:14
Tuesday, June 17, 2025
ޚަބަރު

ހުރިހާ ރައްޔިތުންނަށް ކޮވިޑް ވެކްސިން ލިބޭނެ: ހެލްތު

ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެކްސިން ލިބޭނެ ކަމަށް ހެލްތު މިނިސްޓްރީން ރޭ ބުނެފިއެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި މިރޭ ވާހަކަދައްކަވަމުން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު މާހިރު ވިދާޅުވީ ރާއްޖެއިން ކޮވެކްސް ފެސިލިޓީގައި ބައިވެރިވެފައިވާތީ ރާއްޖޭގެ އާބާދީގެ 20 އިންސައްތަ މީހުންގެ ގަޔަށް ޖަހާ ވަރަށް ހިލޭ ވެކްސިން ލިބޭނެ ކަމަށެވެ.

އަދި ވެކްސިން ގަތުމަށް ބަޖެޓު ހަމަޖެހިފައިވާ ކަމަށާއި ބަޖެޓުގެ އެއްވެސް ތާށިކަމެއް ނެތް ކަމަށްވެސް ޝާހު ވިދާޅުވިއެވެ.

"ހުރިހާ ދިވެހި ރައްޔިތުންނަށް ވެކްސިން ލިބޭނެ. އަދި ހަމަ ދުނިޔެ އަށް ނުކުންނަ އެންމެ އަވަހަކަށް އަޅުގަނޑުމެންނަށް ވެސް އިރާދަކުރެއްވިއްޔާ އެ ލިބޭނެ" ޝާހު ވިދާޅުވިއެވެ.

ޝާހު އިތުރަށް ވިދާޅުވި ގޮތުގައި ރާއްޖެއަށް ގެންނަން މަސައްކަތް ކުރަނީ ކޮވިޑަށް ފަރުވާކުރުމަށް އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީން އުފެއްދި އެސްޓްރާޒެނެކާ ވެކްސިނާއި އެމެރިކާގެ ބަޔޯ-ޓެކްނޮލޮޖީ ކުންފުންޏެއް ކަމަށްވާ މޮޑާނާއިން އުފެއްދި ކޮވިޑް ވެކްސިންނެވެ. އެގޮތުން އެއީ ރާއްޖޭގެ މާހައުލަށް ބަލައި ރާއްޖެއަށް ގެނައުމަށް އެންމެ އެކަށީގެންވާ ދެ ވެކްސިން ކަމަށް ޝާހު ވިދާޅުވިއެވެ.

"މި ދެ ވެކްސިން އަޅުގަނޑުމެންނަށް އެންމެ ޕްރޮމިސިން، ރާއްޖޭގައި މާހައުލަށް ބަލާފައި. އެ ބަހައްޓަންޖެހޭ ފިނި ކަމަށާއި ހުރިހާ ކަމަކަށް ބަލާފައި އެންމެ އެފެކްޓިވް ވެކްސިނެއްގެ ގޮތުގައި މި ދެ ވެކްސިން ރާއްޖެއަށް ލިބޭތޯ މި މަސައްކަތް ކުރަނީ" ޝާހު ވިދާޅުވިއެވެ.

އަދި ކޮވިޑުގެ ވެކްސިން ލިބެންވާއިރަށް ވާންޖެހޭ ތައްޔާރީތައް ވުމުގެ ގޮތުން ސްޓިއަރިންގ ކޮމިޓީއެއް އުފައްދައި، އެ ތައްޔާރީތައް ވަމުން އަންނަ ކަމަށާއި އެގޮތުން މިހާތަނަށް ކުރެވުނު މަސައްކަތުން ވެކްސިން ދިނުމުގައި އިސްކަންދޭނެ އުމުރުފުރާތަކާއި ކެޓަގަރީތައް ދެނެގަނެވިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.