Last Updated: June 17, 18:14
Tuesday, June 17, 2025
ޚަބަރު

ފްލެޓްތަކުގެ ކުލި ފަސްކޮށްދޭން އެދެން އިތުރު ފުރުސަތެއް

ގެދޮރުވެރިކުރުން ޕްރޮގްރާމްގެ ދަށުން މާލެ، ހުޅުމާލެއާއި، އަތޮޅު ތެރެއިން ދޫކޮށްފައިވާ ފުލެޓު އަދި ހައުސިންގ ޔުނިޓުތަކުން ސަރުކާރަށް ދައްކަންޖެހޭ ކުލި، ކޮވިޑް 19 އާއި ގުޅިގެން ފަސްކުރުމަށް އެދުމަށް އިތުރު ފުރުސަތެއް ހައުސިން މިނިސްޓްރީން މިއަދު ހުޅުވާލައިފިއެވެ.

ހައުސިން މިނިސްޓްރީން ބުނީ ކޮވިޑާ ގުޅިގެން ސެޕްޓެމްބަރު މަހާއި އޮކްޓޯބަރު އަދި ނޮވެމްބަރު މަހުގެ ނިޔަލަށް ކުލި ފަސްކުރުމަށް އެދި ހުށަހެޅުމުގެ ފުރުސަތު 15 އޮކްޓޯބަރުގެ ނިޔަލަށް ހަމަވެފައިވާ ކަމަށެވެ.

ނަމަވެސް މި މުއްދަތު ހަމަވުމަށްފަހު މި ތިން މަހުގެ ކުލި ފަސްކޮށްދިނުމަށް އެދި ވަރަށް ގިނަ ފަރާތްތަކުން މިނިސްޓްރީއަށް ހުށަހަޅުއްވަމުން ގެންދާ ކަމަށާއި އެހެންކަމުން މި 3 މަހުގެ ކުލި ފަސްކޮށްދިނުމަށް އެދުމުގެ ފުރުޞަތު މި މަހު 15 ގެ ނިޔަލަށް އިތުރުކޮށްދިނުމަށް މިނިސްޓްރީން ވަނީ ނިިންމާފައެވެ.

ކުލި ދެއްކުން ފަސްކޮށްފައިވީނަމަވެސް ކުލި ފަސްކުރާ މުއްދަތުގައި މެއިންޓަނެންސް ފީ ދައްކަންޖެހޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ. އަދި ކުލި ފަސްކުރާ މުއްދަތު އެގްރީމެންޓަށް އިތުރުކުރެވޭނެކަމަށްވެސް އެ މިނިސްޓްރީން ހާމަކުރެއެވެ.

ކުލި ފަސްކުރުމަށް ބޭނުންވާ ފަރާތްތަކުން 15 ޑިސެމްބަރުގެ ނިޔަލަށް އައި.ޑީ.ކާޑުގެ ކޮޕީއާއި ހައުސިންގ މިނިސްޓްރީއާއެކު ކޮށްފައިވާ އެގްރީމެންޓް ނަމްބަރު އެނގޭނެގޮތަށް އެ މިނިސްޓްރީގެ އީމެއިލް beneficiary@planning.gov.mv އަށް މެއިލްކުރުމަށް ވަނީ އަންގާފައެވެ.