Last Updated: June 17, 18:14
Tuesday, June 17, 2025
ޚަބަރު

މިސްކިތްތަކުގައި ކައިބޮއި ހަދާ މީހުންނަށް ފިޔަވަޅު އަޅަނީ

މިސްކިތެއްގެ ބޭރުގައި ފުލުހުންގެ ޓޭޕް ދަމާފައި - ފޮޓޯ: ސަން

މާލޭގެ ޕާކުތަކާއި، މިސްކިތްތައް އަދި މާރުކޭޓުތަކާއި އެނޫންވެސް އިޖްތިމާއީ ތަންތަނުގައި ނިދައި ކައިބޮއި ދިރިއުޅެމުންދާ މީހުންނަށް ފިޔަވަޅު އަޅާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

މާލޭ ސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ މުޖުތަމަޢުގައި އަށަގަންނަމުންދާ ނުރަނގަޅު އާދައެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ " ވަންނާނެ ވަކި ބޯހިޔާވަހިކަމެއް ނެތި މާލޭ ސިޓީގެ މަގުތަކުގައި ދިރިއުޅެމުންދާ ފަރާތްތަކުގެ މައްސަލަ " އަށް ހައްލެއް ހޯދުމުގެ މަސައްކަތް، ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ އަމިއްލަ ޖަމިއްޔާތަކާ ގުޅިގެން، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސް އިން ފަށާފައިވާ ކަމަށެވެ.

އެގޮތުން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސް އިން ކުރިއަށް ގެންދަވާ މި ޕްރޮގްރާމަކީ، މިފަދަ ފަރާތްތަކަށް ބޭނުންވާ އިޖްތިމާއި ޚިދުމަތްތަކާއި ވަގުތީ ރައްކާތެރިކަންކަށަވަރުކޮށްދީ، ބޭނުންވާ އަސާސީ ހައްގުތައް ( ކާބޯތަކެއްޗާއި، އަންނައުނާއި، ބޯހިޔާވަހިކަން) ހޯދައިދީ އެފަރާތްތަކުގެ އިންސާނީ އަސާސީ ހައްގުތައް ކަށަވަރުކުރުމަށްޓަކައި ކުރަންފެށިފައިވާ މަސައްކަތުގެތެރެއިން ޙާލަތު ވަޒަންކޮށް ގޮތް ނިންމުމުގެ މަރުހަލާގެ ކުރިން ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކުރާ މަސައްކަތެއް ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

އެހެންކަމުން މިފަދަ ހުރިހާ ފަރާތަކުންވެސް މި ޕްރޮގްރާމަށް އެއްބާރުލުންދީ، ޕްރޮގްރާމްގައި ބައިވެރިވުމަށް ވަނީ އެދިފައެވެ.

ނަމަވެސް ސަރުކާރުން މި ފަދަ ޕްރޮގްރާމެއް އިޢުލާން ކުރުމުން އެ ޕްރޮގްރާމްގައި ބައިވެރިނުވެ މާރުކޭޓްތަކާއި، މިސްކިތްތަކާއި، ޕާކްތަކާއި މިނޫންވެސް މިފަދަ އިޖްތިމާޢީ ތަންތަނުގައި ނިދައި ކައިބޮއި ހަދައި ދިރިއުޅޭގޮތަށް އުޅޭނަމަ އެފަދަފަރާތްތަކާ ދޭތެރޭ ގަވައިދުން ފިޔަވަޅު އަޅާނެ ކަމަށް އެ އިއުލާނުގައި ވަނީ ބުނެފައެވެ.