Last Updated: June 17, 18:14
Tuesday, June 17, 2025
ޚަބަރު

ހާލުގައި ޖެހުނު ލަންކާގެ ދެ މަސްބޯޓަކަށް އެމްއެންޑީއެފުން އެހީވެއްޖެ

ސްރީލަންކާ ކައިރިން އުފެދިގެން ދަތުރުކުރަމުންދާ ތޫފާން "ބުރެވި"ގެ އަސަރުގައި ޖެހި މިސްރާބު އޮޅިގެން ކަނޑުމަތިން ހާލުގައި ޖެހުނު ސްރީލަންކާގެ ދެ މަސްބޯޑަކަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފުން ބުނީ ހާލުގައި ޖެހިފައިވާ ދެ ބޯޓު ހދ.ކުމުންދޫގެ ބޭރުން ފެނިފައިވަނީ އެ ސަރަހައްދުން މަސްވެރިކަން ކުރަމުން ދިޔަ "މޫސުން 7" ނަމަކަށް ކިޔާ ދޯންޏަކަށް ކަމަށެވެ. މި ދެ ބޯޓު ފެނިގެން މި ދޯނިން އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯރޓްކޮށްފައިވަނީ މިއަދު ހެނދުނު 08:33 ހާއިރު އެވެ.

މި ފެނުނު ދެ ބޯޓުގެ ތެރެއިން "ސެނެ ދުއާ" ބޯޓުގައި ފަސް ފަޅުވެރިން ތިބި އިރު "ޖެ ޕްރަސަންސަ ވެ" ބޯޓުގައި ހަ ފަޅުވެރިން ތިބި ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.

މި ދެ ބޯޓުގެ ހުރިހާ ފަޅުވެރިންގެ ހާލުވެސް ރަނގަޅުއިރު، އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑުގެ ބެލުމުގެ ދަށުން މިއަދު ހެނދުނު 10:45 ހާއިރު މި ދެ ބޯޓު ހދ.ކުޅުދުއްފުށީ ބަނދަރަށް ވަނީ ވައްދާފައެވެ. އަދި މި ބޯޓުތަކާއި ބެހޭ ކަންކަން ސަރުކާރުގެ ކަމާބެހޭ ގުޅުންހުރި އިދާރީތަކާއި ގުޅިގެން ދަނީ ކުރަމުންނެވެ.