ހދ. ހަނިމާދޫގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމުގެ މަޝްރޫޢުގެ 70 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ދަށުން ކޭބަލް ޖަންކްޝަން ވަޅުލުމުގެ މަސައްކަތުގެ 95 ޕަސެންޓް މަސައްކަތް އަދި ދުވާރު ހެދުމަށް ބޭނުންވާ ގައު އެތުރުމުގެ މަސައްކަތުގެ 85 ޕަސެންޓް މަސައްކަތް އަދި ހޮޅިވަޅުލުމުގެ މަސައްކަތުގެ 48 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށެވެ.
މި ޕްރޮޖެކްޓް ތެރެއިން އުޅަނދު ދުއްވުމަށް މަގުގެ 38،916 އަކަ މީޓަރ ސަރަހައްދެއް ގައި ތާރުއަޅާ އަދި 16،518 އަކަ މީޓަރ ޕޭވްމަންޓް ނިންމުމަށް ހަމަޖެހިފައިވާއިރު، ފެންހިންދުމުގެ ނިޒާމުގެ މަސައްކަތާއި މަގު ބައްތި ދިއްލުމަށް ބޭނުންވާ ނަރު އެޅުމާއި، މަގުބައްތި ހަރުކުރުމާއި، 19،679 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޓްރެފިކް ނިޝާންތައް ކުރެހުމާއި، ޓްރެފިކް ނިޝާން ހަރުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫއުގެ ދަށުން ހަނިމާދޫގެ 18 މަގެއްގައި ތާރުއަޅައިގެން ތަރައްގީކުރުމަަށް ވަނީ ހަމަޖެހިފައެވެ. އެމްޓީސީސީއިން ބުނީ 46.7 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ މި ޕްރޮޖެކްޓް 240 ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.