ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދައުލަތުން ދޭ އެލަވަންސް ބޮޑުކޮށްދޭން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ގޮވާލައިފިއެވެ.
މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާ ގުޅިގެން އެޗްއާރްސީއެމުން ނެރުނު ބަޔާނުގައި ބުނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުންދޭ މާލީ އިނާޔަތަކީ އެފަރާތްތަކަށް ބޭނުންވާ އަސާސީ ކަންކަމަށް އެކަށީގެންވާ މިންވަރެއް ނޫން ކަމަށެވެ.
އެހެންކަމުން އެފަރާތްތަކަށް މާލީ އިނާޔަތުގެ ގޮތުގައިދޭ ފައިސާގެ އަދަދު އިތުރުކުރުމަކީ މުހިއްމު ކަމެއް ކަމަށް އެޗްއާރްސީއެމް އިން ބުނެއެވެ.
މީގެއިތުރުން އެޗްއާރްސީއެމްގެ ބަޔާނުގައި ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ގެއްލިގެން ފާއިތުވި 4 އަހަރު ދުވަހުގެ ތެރޭގައި ޖުމްލަ 72 މައްސަލައެއް ހުށަހަޅާފައިވާކަން ވެސް ފާހަގަކޮށްފައެވެ. އޭގެތެރޭގައި އާއިލާގެ ފަރާތުން ލިބެންޖެހޭ އަޅާލުން ނުދިނުމާއި އިހުމާލުގެ މައްސަލަތަކާއި އަދި އާއިލާއިން އެދިގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ދައުލަތުގެ ބެލުމުގެ ދަށަށް ބަދަލުކޮށްދިނުމަށް އެދި ހުށަހަޅައިފައިވާ މައްސަލަތައް ހިމެނޭ ކަމަށް އެޗްއާރްސީއެމުން ބުނެއެވެ.
އަދި ދައުލަތުގެ ބެލުމުގެ ދަށުގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ކަށަވަރުކޮށްދިނުމަށާއި އެ މަރުކަޒުން ފޯރުކޮށްދޭ ހިދުމަތްތައް މިހާރަށްވުރެ ހަރުދަނާކުރުމަށް އެ ކޮމިޝަނުން ދައުލަތަށް ހުށަހަޅައިފައިވާ ހުށަހެޅުންތައް ތަންފީޒުކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.
މީގެއިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނަށް އަމަލުކުރަން ފަށާތާ 6 މަސްދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގައި އުޅޭ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގައުމީ ދަފްތަރެއް އެކުލަވައިލައި ބަލަހައްޓަން ކަނޑައަޅައިފައި އޮތްނަމަވެސް މިހާތަނަށްވެސް މި ދަފްތަރު އެކުލަވައިލައިފައިނުވާތީ ވީހާވެސް އަވަހަކަށް ދަފްތަރު އެކުލަވައިލުމަށް ވެސް އެޗްއާރްސީއެމުން ވަނީ ގޮވާލާފައެވެ.