ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަޑުއިވުމުގެ ދަތިކަން ހުންނަ ފަރާތްތަކުގެ ހައްގުގައި މަސައްކަތް ކުރާ، މޯލްޑީވްސް ޑެފް އެސޯސިއޭޝަނަށް 30،000 ރުފިޔާ ހަދިޔާކޮށްފިއެވެ.
ބީއެމްއެލް އިން މި ފައިސާ ހަދިޔާކޮށްފައިވަނީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ނުކުޅުދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ދުވަސް ފާހަގަކުރުމުގެ ގޮތުން ބީއެމްއެލް އިން ކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ތެރެއިންނެވެ.
ބީއެމްއެލް އިން ބުނީ މި ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެ ޖަމިއްޔާއިން ހިންގާ ހަރަކާތްތައް ކުރިއަށްގެންދިޔުމަށް ކަމަށެވެ.
މީގެ އިތުރުން އަޑުއިވުމާއި ވާހަކަ ދެއްކުމުގައި ދަތިކަން ހުންނަ މީހުންނަށް ޚިދުމަތް ހޯދުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމުގެ ބޭނުމުގައި ޑެފް އެސޯސިއޭޝަނާ ގުޅިގެން ބޭންކުގެ މުވައްޒަފުންނަށް ސައިން ލެންގުއޭޖް ޓްރެއިނިން އެއް ހިންގުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލް އިން ބުނެއެވެ.
މި ދުވަސް ފާހަގަކުރުމަށް ބީއެމްއެލް އިން ކުރިއަށް ގެންދިޔަ އިތުރު ހަރަކާތްތަކުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ، ހިނގާ ބިނގާވެ އުޅުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އިތުރު މޮޓޮރައިޒްޑް ވީލްޗެއަރވެސް ހަދިޔާކުރުން ހިމެނެއެވެ. މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް 125 އަށްވުރެ ގިނަ ވީލްޗެއަރ ވަނީ ހަދިޔާކޮށްފައެވެ.
މިއަހަރު ޖަނަވަރީ މަހު ބޭންކުން ވަނީ ރާއްޖޭގެ 10 ސްކޫލެއްގެ ސެން ކްލާސްތަކުގައި ކިޔަވަމުންދާ 300 އެއްހާ ކުދިންނަށް ކިޔަވައިދިނުމަށް އިތުރު ލުއިފަސޭހަތަކެއް ހަމަޖައްސައިދިނުމުގެ ގޮތުން ކިޔަވައިދިނުމަށް ބޭނުންވާ ހާއްސަ ތަކެތިވެސް ހަދިޔާކޮށްފައެވެ.