Last Updated: June 17, 13:43
Tuesday, June 17, 2025
ޚަބަރު

ރާއްޖޭގައި އުޅޭ އެންމެންނަށް ހިލޭ ކޮވިޑް ވެކްސިން ލިބޭނެ: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު - ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގައި ދިރިއުޅޭ ހުރިހާ އެންމެންނަށް ވެސް ކޮވިޑް ވެކްސިން ހިލޭ ފޯރުކޮށްދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ ލ.ގަމު ރައްޔިތުންނާއި ބައްދަލުކުރުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ކޮވިޑް-19 އިން ސަލާމަތްވުމަށް މުޅި ދުނިޔެ ގުޅިގެން މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އެގޮތުން އެ ބައްޔަށް ވެކްސިނެއް ހޯދުމުގެ އެންމެފަހުގެ މަރުހަލާތައް ނިމި އެ ވެކްސިން ފޯރުކޮށްދިނުމުގެ މަސައްކަތް ގިނަ ގައުމުތަކުގައި ކުރަމުންދާ ކަމަށެވެ.

އެގޮތުން ސަރުކާރުގެ ސިޔާސަތަކީ ރާއްޖޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް އެ ވެކްސިލް ހިލޭ ފޯރުކޮށްދިނުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ސަރުކާރުގެ ސިޔާސަތަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް، އެއްވެސް ރައްޔިތަކު ބާކީ ނުކޮށް އަދި ރާއްޖޭގައި ދިރިއުޅޭ ހުރިހާ އެންމެންނަށް ހިލޭ އެ ވެކްސިން ފޯރުކޮށްދިނުން" ރައީސް ވިދާޅުވިއެވެ.

ހެލްތު މިނިސްޓްރީން ބުނިގޮތުގައި ރާއްޖެއަށް ގެންނަން މަސައްކަތް ކުރަނީ ކޮވިޑަށް ފަރުވާކުރުމަށް އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީން އުފެއްދި އެސްޓްރާޒެނެކާ ވެކްސިނާއި އެމެރިކާގެ ބަޔޯ-ޓެކްނޮލޮޖީ ކުންފުންޏެއް ކަމަށްވާ މޮޑާނާއިން އުފެއްދި ކޮވިޑް ވެކްސިންނެވެ.

އެގޮތުން އެއީ ރާއްޖޭގެ މާހައުލަށް ބަލައި ރާއްޖެއަށް ގެނައުމަށް އެންމެ އެކަށީގެންވާ ދެ ވެކްސިން ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

އަދި ކޮވިޑުގެ ވެކްސިން ލިބެންވާއިރަށް ވާންޖެހޭ ތައްޔާރީތައް ވުމުގެ ގޮތުން ސްޓިއަރިންގ ކޮމިޓީއެއް އުފައްދައި، އެ ތައްޔާރީތައް ވަމުން އަންނަ ކަމަށާއި އެގޮތުން މިހާތަނަށް ކުރެވުނު މަސައްކަތުން ވެކްސިން ދިނުމުގައި އިސްކަންދޭނެ އުމުރުފުރާތަކާއި ކެޓަގަރީތައް ދެނެގަނެވިފައިވާ ކަމަށްވެސް މިނިސްޓްރީން ހާމަކުރެއެވެ.