Last Updated: June 17, 13:43
Tuesday, June 17, 2025
ޚަބަރު

ކުރިއަށް އޮތް ޓޫރިޒަމް ސީޒަން އުއްމީދީ ވާނެ: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު - ފޮޓޯ: ރައީސް އޮފީސް

ކުރިއަށް އޮތް ޓޫރިޒަމް ސީޒަނަކީ އުއްމީދީ ދުވަސްތަކެއް ކަމަށް މިހާރު ވަރަށް ބޮޑަށް ބެލެވޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ ލ.ގަމު ރައްޔިތުންނާއި ބައްދަލުކުރުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން އިގްތިސާދީ ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ރާއްޖެ އަށް ކުރިމަތިވި ކަމަށާއި އެގޮތުން އަންނަ އަހަރުގެ ބަޖެޓުގައި ތަރައްގީގެ މަޝްރޫއުތައް ހިމަނާފައިވާނީ ކުރިއަށް އޮތް އަހަރު ރާއްޖޭގެ އިގްތިސާދަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމުގެ އުއްމީދާއެކުގައި ކަމަށެވެ.

އެގޮތުން ރާއްޖޭގެ އިގްތިސާދުގައި އެންމެ ބޮޑު ހިއްސާއެއްވާ ޓޫރިޒަމްގެ ސިނާއަތް ކޮވިޑާއި ގުޅިގެން މުޅިން ހުއްޓުމަކަށް އައިސް އެތައް މަހެއް ހޭދަވުމަށްފަހު މިއަދު ޓޫރިޒަމަށް ދިރުން އަންނަ ކަމުގެ ނިޝާންތައް ފެންނަމުންދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ޓޫރިސްޓު ސީޒަނަކީ އުއްމީދީ ދުވަސްތަކެއް ކަމަށް ވަރަށް ބޮޑަށް މިހާރު ގަބޫލު ކުރެވޭ" ރައީސް ވިދާޅުވިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރީ މާޗް މަހުގެ 27 ވަނަ ދުވަހުއެވެ. އަލުން ބޯޑަރު ހުޅުވާލީ މިދިޔަ މަހުގެ 15 ދުވަހު އެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ބޯޑަރު ހުޅުވާލިފަހުން ރާއްޖެ އަށް ވަނީ 72،623 ފަތުރުވެރިން އައިސްފައެވެ.

މީގެތެރޭގައި ހިމެނެނީ ޖުލައިމަހު ރާއްޖެ އައި 1752 ފަތުރުވެރިންނާއި، އޮގަސްޓްމަހު އައި 7628 ފަތުރުވެރިންނާއި، ސެޕްޓެމްބަރމަހު އައި 9538 ފަތުރުވެރިންގެ އިތުރުން އޮކްޓޯބަރ މަހު ރާއްޖެ އައިސްފައިވަނީ 21،515 ފަތުރުވެރިންނެވެ. އަދި މިދިޔަ މަހުގެ 28 ގެ ނިޔަލަށް 32،241 ފަތުރުވެރިން ރާއްޖެ ވަނީ ޒިޔާރަތްކޮށްފައެވެ.