Last Updated: June 17, 13:43
Tuesday, June 17, 2025
ޚަބަރު

"ކޮވިޑްގެ ފިޔަވަޅުތަކަށް ދިން އެއްބާރުލުން އިގްތިސާދު އާރާސްތުކުރަން ވެސް ދީ"

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު - ފޮޓޯ: ރައީސް އޮފީސް

ކޯވިޑް-19އާ ދެކޮޅަށް ސަރުކާރުން އެޅި ފިޔަވަޅުތައް ތަންފީޒުކުރުމަށް، ރައްޔިތުން އެހީތެރިކަމާއި އެއްބާރުލުން ދެއްވި ފަދައިން، އިޤްތިޞާދު އަލުން އާރާސްތުކުރުމުގައިވެސް ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިލްތިމާސްކުރައްވައިފިއެވެ.

ލ. ގަމުގެ ރައްޔިތުންނާ މިއަދު ހަވީރު ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މިހާރު ޤައުމަށް ކުރިމަތިވެފައި މިވާ އިޖުތިމާޢީ އަދި އިޤްތިޞާދީ މައްސަލަތަކުން އަރައިގަތުމުގައި، ރައްޔިތުންގެ ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއް ސަރުކާރަށް ބޭނުންވާ ކަމަށެވެ.

"ކޯވިޑް-19އާ ދެކޮޅަށް ސަރުކާރުން އެޅި ފިޔަވަޅުތައް ތަންފީޒުކުރުމަށް، ރައްޔިތުން އެހީތެރިކަމާއި އެއްބާރުލުން ދެއްވި ފަދައިން، އިޤްތިޞާދު އަލުން އާރާސްތުކުރުމުގައިވެސް، އެހީތެރިވެދެއްވާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ކޯވިޑްގެ ތެރޭގައި އިޤްތިޞާދީ ދާއިރާއިން ކުރެވުނު ތަޖުރިބާގެ އަލީގައި، ސަރުކާރުން މިހާރު އެންމެ ބޮޑު އިސްކަމެއްދެނީ އިޤްތިޞާދު ސިންދަފާތު ކުރުމަށެވެ. އެގޮތުން މަސްވެރިކަމަކީ، ރާއްޖޭގެ އިޤްތިޞާދުގައި މިހާރަށްވުރެ ބޮޑު ޙިއްޞާއެއްވެވޭނެ ޞިނާޢަތެއް ކަމަށާއި ހަމައެގޮތަށް ދަނޑުވެރިކަމަކީވެސް، ޚާއްޞަ ސަމާލުކަމެއް ދީ، މިހާރަށްވުރެ މާބޮޑަށް ކުރިއެރުވޭނެ ޞިނާޢަތެއްކަން ހާމަވަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި އަންނަ އަހަރަށް މަޖިލީހުން ފާސްކުރި، 34.9 ބިލިއަން ރުފިޔާގެ ބަޖެޓުގައި، މި ދެ ޞިނާޢަތު ކުރިއެރުވުމަށްޓަކައި ވަރަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރުމަށް ހަމަޖެހިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ދަނޑުވެރިކަމުގެ ސިނާޢަތް ތަރައްޤީކުރުމަށް ސަރުކާރުން އުފެއްދި އެގްރޯ ނޭޝަނަލް ކޯޕަރޭޝަންގެ މިސަރަޙައްދުގެ މަރުކަޒު، ފޮނަދޫގައި ޤާއިމުކުރުމުގެ މަސައްކަތްވެސް އަންނަ އަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އުންމީދަކީ، ކޯވިޑް-19ގެ މި ނުރައްކާތަކުން ސަލާމަތްވެ، ރައްޔިތުންގެ ކުރިއެރުމާއި، ޤައުމުގެ ތަރައްޤީއަށް ރާވާފައިވާ މަޝްރޫޢުތައް، ހަލުވިމިނުގައި ކުރިއަށް ގެންދެވޭނެ އަވަސް އަލިމަގެއް ފެނިގެން ދިޔުން" ރައީސް ވިދާޅުވިއެވެ.