Last Updated: June 17, 13:43
Tuesday, June 17, 2025
ޚަބަރު

ޒަރޫރީ ޙާލަތެއްގައި ހަތިޔާރާއެކީ ކުރިމަތިލުމުގެ ބާރު އެމްއެންޑީއެފަށް ދީފި

ޒަރޫރީ ޙާލަތެއްގައި، ލީތަލް ރެސްޕޮންސް ނުވަތަ ހަތިޔާރާއެކީ ކުރިމަތިލުމުގެ ބާރު، އެމް.އެން.ޑީ.އެފް އަށް ދީފައިވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މާރިޔާ މިހެން ވިދާޅުވީ އެމްއެންޑީއެފްގެ މެރިންސް އާ ގުޅިގެން، އިނގިރޭސިވިލާތުގެ އަސްކަރިއްޔާއިން ހިންގި ކައުންޓަރ ޓެރަރިސްޓް ކްލޯސް ކުއަރޓަރ ބެޓަލް ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަދައްކަވަމުންނެވެ.

ލ.ކައްދޫގައި ހުންނަ އެމް.އެން.ޑީ.އެފްގެ ސެންޓްރަލް އޭރިޔާ ކޮމާންޑްގެ މައި މަރުކަޒުގައި ބޭއްވި މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރ މާރިޔާ ވަނީ، ދިފާޢީ އަދި ސަލާމަތީ ރޮނގުން، ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮތް ގުޅުމުގައި އާ ބާބެއް ހުޅުވިގެންދިޔަކަން މި ތަމްރީނު ޕްރޮގްރާމުން ރަމްޒުވާކަން ފާހަގަކުރައްވައި، މަރުޙަބާ ވިދާޅުވެފައެވެ.

އަދި ނިރުބަވެރިކަމާއި ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމަށާއި އެއަށް އިޖާބަދިނުމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ މައްޗަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރ މާރިޔާ ވަނީ، ސަރުކާރުން އެކުލަވާލައްވާފައިވާ ނޭޝަނަލް ޓެރަރިޒަމް ރެސްޕޮންސް ޕްލޭނުގެ ދަށުން، ޒަރޫރީ ޙާލަތެއްގައި، ލީތަލް ރެސްޕޮންސް ނުވަތަ ހަތިޔާރާއެކީ ކުރިމަތިލުމުގެ ބާރު، އެމް.އެން.ޑީ.އެފް އަށް ދީފައިވާ ކަމަށް ވިދާޅުވެފައެވެ.

މީގެއިތުރުން ނިރުބަވެރިކަމާއި ހަރުކަށި ފިކުރަކީ މުޅި ބައިނަލްއަޤްވާމީ މުޖްތަމަޢަށްވެސް އާންމުވެފައިވާ ގޮންޖެހުމެއްކަމަށް ވިދާޅުވެ، މިނިސްޓަރ މާރިޔާ ވަނީ، މިގޮންޖެހުމާ ކުރިމަތިލުމުގައި ދޭދޭ ޤައުމުތަކުން، މިހާރަށްވުރެ ބޮޑަށް، އިންޓެލިޖަންސް ޙިއްސާކޮށް، ގުޅިގެން މަސައްކަތްކުރުމުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ.

ފަތުރުވެރިކަމަށް އިންތިހާއަށް ބަރޯސާވާ ރާއްޖޭގެ އިޤްޠިޞާދާއި، ރާއްޖޭގެ ރަށްތަކުންނާއި ރައްޔިތުންގެ ފަރާތުން، ފަތުރުވެރިންނަށް އަބަދުވެސް ލިބޭ ލާމަސީލު މެހެމާންދާރީއާއި އުފަލާއި ހިތްހަމަޖެހުމާ ހުރި ގުޅުން ފާހަގަކުރައްވަމުން، މިނިސްޓަރ މާރިޔާ ވިދާޅުވީ، ޤައުމަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށާއި ޤައުމުގެ ރައްޔިތުންނަށް އަމާން، ޞުލްޙަވެރި ވެށްޓެއް ކަށަވަރުކޮށްދީ، މިވެށި އަންނަން އޮތް ޖީލުތަކަށް ވާސިލްކޮށްދިނުމަށްޓަކައި، މިފަދަ ތަމްރީނު ޕްރޮގްރާމްތައް ވަރަށް މުހިންމު ކަމަށް ވިދާޅުވެފައެވެ.