Last Updated: April 24, 12:21
Wednesday, April 24, 2024
ޚަބަރު

މަސްތުވާތަކެތިން ގައުމު ސަލާމަތްކޮށްދޭނަން، މިއީ ނުގުޑާނެ ވައުދެއް: އުމަރު

އުމަރު ނަސީރު - ފޮޓޯ: ވީނިއުސް

މަސްތުވާތަކެތިން ގައުމު ސަލާމަތްކުރަން ޕާޓީތައް ދޫކޮށްލާފައި އޭނާއާއެކު ހިންގެވުމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ގޮވާލައިފިއެވެ.

އުމަރު މިކަމަށް ގޮވާލީ 24 ކިލޯގެ މަސްތުވާތަކެތި ރާއްޖެ އެތެރެކޮށްގެން 2017 ވަނަ އަހަރު ޖަލަށްލާން ހުކުމް ކުރި މީހަކު ދޫކޮށްލުމާ ގުޅިގެންނެވެ. އެގޮތުން އުމަރު ވިދާޅުވީ އެއީ ކަނޑައެޅިގެން ގާނޫނާ ހިލާފަށް ކުރި ކަމެއް ކަމަށް ވިދާޅުވެފައެވެ.

"މި ޤައުމު މަސްތުވާ އެއްޗެތިން ސަލާމަތް ކުރުމަށްޓަކައި ޕާޓީތައް ދޫކޮށްލައްވާފަ، އަޅުގަޑާ އެކު ހިންގަވާ" އުމަރު ވިދާޅުވިއެވެ.

އެގޮތުން އިޚުލާސްތެރިކަމާ، ހަރުދަނާ ކަމާ، ޖެހިލުން ކުޑަކަމާއެކު މަސައްކަތްކޮށް، މަސްތުވާ އެއްޗެތީގެ ވަބާއިން މި ރާއްޖެ ސަލާމަތްކޮށްދެއްވާނެ ކަމަށާއި މިއީ ނުގުޑާނެ ވަޢުދެއް ކަމަށްވެސް އުމަރު ވިދާޅުވިއެވެ.

އުމަރަކީ 2023 ވަނަ އަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާ ފަރާތެކެވެ.

ޖަލަށްލާން ހުކުމްކޮށްފައިވަނިކޮށް ޖަލުން މިނިވަންވެފައިވާކަން ކަށަވަރު ވެފައިވަނީ، 24 ކިލޯގެ މަސްތުވާތަކެތި (މަގުމަތީގެ އަގުން ބަލާއިރު 100 މިލިއަން ރުފިޔާގެ ޑްރަގު) އެތެރެކުރިކަމުގެ ކުށް ސާބިތުވެ 2017 ވަނަ އަހަރު 25 އަހަރަށް ޖަލަށް ލުމަށް ހުކުމްކުރި ހ. އެޕާވީސް، އަބްދުﷲ ސޮފްވަތެވެ. އޭނާ ޖަލުން ސަލާމަތްވެފައިވާ ކަން "މިހާރު" ނޫހަށް ކަށަވަރުވެފައިވާ ކަމަށް އެ ނޫހުން ރިޕޯޓުކޮށްފައިވެއެވެ.

ނަމަވެސް މިމައްސަލައާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ދޭން ކަރެކްޝަންސް އިން ވަނީ ދެކޮޅު ހަދާފައެވެ. ސޮފްވަތު ހައްޔަރުކުރީ އިރާނު ބޯޓަކުން ގެނައި ޑިންގީއެއްގައި މަސްތުވާތަކެތި ފޮރުވައިގެން މާލެ ގެނެސްފައިވަނިކޮށެވެ.