ފުލުހުންގެ ޚިދުމަތުގެ ބިލު ފާސްވުމުން ފުލުހުންގެ ތަޞައްވަރަށާއި ކުރިއެރުމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ރައްޔިތުންގެ މަޖިލީހުން މިހާރު ފާސްކުރުމާ ހަމާގައިވާ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލަކީ، އެ ބިލު ފާސްކޮށް ޤާނޫނަކަށްވެ ތަންފީޒުކުރެވުމުން، ފުލުހުންނާއި ފުލުހުންގެ މުވައްސަސާގެ ތަޞައްވަރަށާއި ކުރިއެރުމަށް ބޮޑެތި ހެޔޮ ބަދަލުތަކެއް އަންނާނެ ޤާނޫނެއް ކަމަށެވެ.
އެގޮތުން ރައްޔިތުންގެ ރައްކާތެރިކަމާއި އަމަން ބެލެހެއްޓުމާއި އަދި ޖިނާޢީ ޢަދުލުގެ ނިޒާމުގެ މުހިއްމު ބައިވެރިއަކަށް ފުލުހުންގެ މުއައްސަސާ ވާއިރު، އެ މަތިވެރި ޚިދުމަތަކީ އެންމެހައި ރައްޔިތުންނަށް އެކަމުގެ އިތުބާރު އޮންނާނޭހެން ދެވޭ ޚިދުމަތަކަށް ވާންޖެހޭ ކަމަށާއި މި ޤާނޫނު ތަންފީޒުވެގެންދާއިރު އެކަން ޙާޞިލުވެގެންދާނެ ކަމަށް އެމްޑީޕީން ބުނެއެވެ.
އަދި މި ޤާނޫނުގެ ޒަރިއްޔާއިން ކަށަވަރުކޮށްދެވޭނެ އަނެއްކަމަކީ، ލާމަރުކަޒީކޮށް ފުލުހުންގެ ޚިދުމަތްދިނުމާއި، ކޮމިޔުނިޓީ ޕޮލިސިންގގެ ފަލްސަފާގެ މައްޗަށް އެ ޚިދުމަތް ދިނުން ކަމަށް އެމްޑީޕީން ބުނެއެވެ. އަދި ފުލުހުންގެ ޚިދުމަތުގެ އެންމެހާ ކަންކަން ދުސްތޫރީ ހަމަތަކާއި، ޤާނޫނުގެ ހުކޫމަތުގެ ތެރެއިން އަދި އިންސާނީ ޙައްޤުތަކަށް އިޙްތިރާމްކުރެވިގެން ފޯރުކޮށްދިނުމަކީވެސް މިޤާނޫނުން ކަށަވަރުކޮށްދޭނެކަމެއްކަމަށް އެމްޑީޕީން ބުނެއެވެ.
ފުލުހުންނަށް ތައުލީމާއި ތަމްރީނު ދިނުމާއި، ކުރިއެރުމާއި ޕްރޮމޯޝަން ދިނުމުގައި އިންސާފާއި ހަމަހަމަ ކަމުގެ މައްޗަށް އެ ފުރުސަތުތައް ލިބޭނޭހެން މި ޤާނޫނުން ބައްޓަންކޮށްދޭނެ ކަމަށާއި އަދި ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް ސިއްޙީ ފަރުވާގެ ޚިދުމަތް ކަށަވަރުކޮށްދިނުމާއި، ފުލުހުންގެ ޚިދުމަތުން ރިޓަޔަރކުރުމުން މާލީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއި، ހައުސިންގ ސްކީމްތައް ޤާއިމުކޮށް އޭގެ މަންފާ ފުލުންނަށް ލިބޭނޭގޮތް ހެދުމަކީ ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ތެރެއިން ކަނޑައެޅިގެންދާ ކަންކަން ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
އެމްޑީޕީން ބުނީ ފުލުހުންގެ ޚިދުމަތުގެ ބިލަކީ، އެމް.ޑީ.ޕީ އާއި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވަޢުދުފުޅެއްގެ މައްޗަށް، ފުލުހުންގެ މުއައްސަސާ ޑިމޮކްރެޓިކް ވެރިކަމެއްގައި ޕްރޮފެޝަނަލްގޮތެއްގައި ހުނަރުވެރިކަމާއެކު މަސައްކަތްކޮށް، ޚިދުމަތްދޭ މުއައްސަސާއަކަށް ހެދުމަށް ހެދޭ ޤާނޫނެއް ކަމަށެވެ.
"މިއީ ފުލުހުންނަށާއި ފުލުހުންގެ މުއައްސަސާއަށް މީގެކުރިން ދުވަހަކުވެސް އައިސްފައި ނުވާފަދަ ހެޔޮ ރަނގަޅު ކުރިއެރުންތަކެއް ހޯދައިދޭނޭ ޤާނޫނެކެވެ" އެ ބަޔާނުގައި ވެއެވެ.