Last Updated: June 17, 13:43
Tuesday, June 17, 2025
ޚަބަރު

ރާއްޖޭގެ އިރު ދެކުނުގައި އުފެދިފައިވާ ކޮޅިގަނޑުގެ ބާރު ދަނީ ގަދަވަމުން

މޫސުން ގޯސް ދުވަހެއް - ފޮޓޯ: މިހާރު

ރާއްޖޭގެ އިރުދެކުނުން، ދެކުނު އިންޑިއާ ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުގެ ބާރު ދަނީ އިތުރަށް ގަދަވަމުން ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެފިއެވެ.

މެޓް އޮފީހުން ބުނީ އެ ކޮޅިގަނޑުގެ ބާރު އިތުރަށް ގަދަވަމުންދިޔަ ނަމަވެސް، އެ ކޮޅިގަނޑު ދަތުރުކުރަމުންދަނީ ދެކުނު ހުޅަނގު ދެކުނަށް، ރާއްޖެއާ ދުރަށް ކަމަށެވެ.

އަދި ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާ ކަމަށް މެޓުން ބުނެ އެވެ. މެޓުން ބުނީ ހުޅަނގާއި ހުޅަނގުއުތުރުން، ގަޑިއަކު ފަސް މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ.

އޭގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށާއި ރާއްޖޭގެ ކަނޑުތައް ގަދަވެ، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދަ އެރުން އެކަށީގެންވާ ކަަމަަށް މެޓުން ބުނެ އެވެ.

އަދި ސްރީލަންކާގެ ގަލްފް އޮފް މަންނާރު ސަރަހައްދުގައި ހުރި ބާރުގަދަ ތޫފާންގެ ދުވެލި ކުޑަވެ، މަޑުމަޑުން ބާރު ދަށްވަމުންދާ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.

އެގޮތުން ހއ. ކެލާއިން ފެށިގެން ގާތްގަނޑަކަން 642 ކިލޯމީޓަރު ދުރުގައިވާ އެ ކޮޅިގަނޑު ލަފާކުރެވޭ ގޮތުގައި ކުރިއަށްއޮތް ހަ ގަޑިއިރުތެރޭގައި މަޑުމުޑުން ހުޅަނގުދެކުނަށްޖެހި، އިންޑިއާގެ ރަމަނަތަޕޫރަމާއި ތޫތުުކުޑި ހިމެނޭ ސަރަހައްދު ހުރަސްކުރާނެ ކަމަށް ބެލެވޭ ކަަމަށް މެޓުން ބުނެއެވެ. އަދި ކުރިއަށް އޮތް 12 ގަޑިއިރުތެރޭގައި ކޮޅިގަނޑުގެ ބާރު އިތުރަށް ދަށްވާނެ ކަމަށްވެސް ލަފާ ކުރެވޭ ކަމަށް މެޓުން ބުނެ އެވެ.