Last Updated: June 17, 13:43
Tuesday, June 17, 2025
ވިޔަފާރި

ބީއެމްއެލްގެ އެހީގައި ކަނޑިތީމުގައި ކޮމިއުނިޓީ ޕާކެއް

ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފް ކުރި 'އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު' ގެ ދަށުން ށ.ކަނޑިތީމުގައި ކޮމިއުނިޓީ ޕާކެއް މިއަދު ހަވީރު ހުޅުވައިފިއެވެ.

ބީއެމްއެލް އިން ބުނީ ޖިނާން މުޙަައްމަދު ޝަމީމު ހުށަހެޅި މި ޕްރޮޖެކްޓް ގެ މަގުސަދަކީ ރަށުގައި ދިރިއުޅޭ ހުރިހާ އުމުރުފުރައެއްގެ މީހުން އެއްވެ ގުޅުން ބަދަހި ކުރުމާއި މުނިފޫހިފިލުވުމަށް މާހައުލެއް ބިނާކުރުން ކަމަށެވެ.

އެގޮތުން އެރަށުގައި ހުޅުވުނު މި ކޮމިއުނިޓީ ޕާކުގައި ބާބަކިއު ހެދުމަށާއި މަސް ކެނޑުމަށް ހާއްސަ ސަރަހައްދެއް ވަނީ ގާއިމް ކުރެވިފައެވެ. ބާބަކިޔު ސަރަހައްދުގައި މޭޒާއި ބެންޗުވެސް އެކުލެވެއެވެ. މީގެ އިތުރުން ކުޑަކުދިން ކުޅެއުޅުމަށް ހާއްސަ ޕާކަކާއި ހުރިހާ އުމުރު ފުރައެއްގެ މީހުންނަށްވެސް ބޭނުންކުރެވޭނެ އައުޓްޑޯ ޖިމެއްވެސް މި ކޮމިއުނިޓީ ޕާކުގައި ހިމެނެއެވެ.

އޭގެ އިތުރުން ޕިކްނިކަނަށް ދާ މީހުންނަށް ފަސޭހަކުރުމުގެ ގޮތުން މި ސަރަހައްދުގައި ވަނީ ބީޗް ހަޓް، ސަން ބެޑް އަދި އައުޓްޑޯ ޝަވަރަކާއި އުނދޯއްޔާއި، ޖޯލި ފަތީގެ އިތުރުން ފިނި އަށި ބަހައްޓާފައެވެ.

މި ޕްރޮޕޯސަލް ކާމިޔާބުކުރި ޖިނާން ބުނީ ބީއެމްއެލްގެ އެހީގައި ރައްޔިތުން ޒަމާނުއްސުރެ ދެކެމުން އައި ހުވަފެނެއް މިވަނީ ހަގީގަތަކަށްވެފައި ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވީ ހުރިހާ އުމުރު ފުރަޔަކަށްވެސް ފައިދާކުރާނެ ގޮތަށް މި ޕާކު ތަރައްގީ ކުރުމަށް. މިކަމުގައި އަޅުގަނޑަށް އެހީތެރިވެދެއްވި މުޙައްމަދު ޝިފާން އަދި ރިޔުނިއަން ކްލަބަށް ހާއްސަ ޝުކުރެއް ދަންނަވަން." ޖިނާން ބުންޏެވެ.

ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ. މިދިޔަ އަހަރު ބޭންކުން ތައާރަފްކުރި މި ފަންޑުގެ ދަށުން މިހާތަނަށް ރާއްޖޭގެ 30 ރަށެއްގައި ޕްރޮޖެކްޓް ހިންގުމަށް މާލީ އެހީތެރިކަންވަނީ ފޯރުކޮށްދެވިފައެވެ.