އާ ތެލެސީމިއާ ސެންޓަރު އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ފެށުމަށް ނިންމައިފިއެވެ.
އާ ތެލަސީމިއާ ސެންޓަރު އިމާރާތް ކުރުމަށް ނިންމާފައިވަނީ ހުޅުމާލޭގައެވެ. އެގޮތުން ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވަނީ ހުޅުމާލެ އަށް ވަޑައިގެން އާ ތެލެސީމިއާ ސެންޓަރު ބިނާކުރަން ހަމަޖެހިފައިވާ ސަރަހައްދު ބައްލަވާލައްވާފައެވެ.
މި ޒިޔާރަތުގައި ނައިބު ރައީސްގެ އަރިހުގައި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ މުޙައްމަދު އަސްލަމާއި، މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމާއި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ)ގެ މެނޭޖިންގ ޑިރެކްޓަރ ސުޙައިލް އަޙްމަދު ބައިވެރިވެ ވަޑައިގެންނެވިއެވެ.
ތެލަސީމިއާ ކުދިންނަށް ފަރުވާދިނުމަށް މާލޭގައި މިހާރު ބޭނުން ކުރަމުންދަނީ 1994 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުން އަންނަ ސެންޓަރެކެވެ.
ތެލަސީމިއާ ކުދިންނާއި އެ ކުދިންގެ ބެލެނިވެރިން މިދިޔަ ހަފްތާގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް އާއި ވަނީ ބައްދަލުކުރައްވާފައެވެ. އެގޮތުން މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ނަސީމް ވަނީ ތެލެސީމިއާ ކުދިންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
އަދި ތެލެސީމިއާ ސެންޓަރަކީ އެ ކުދިންނާއި ގާތް އަމިއްލަ ވަންތަކަމުގެ އިހުސާސް ލިބޭ ތަނަކަށް ބަދަލު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް މިނިސްޓަރު ނަސީމް ވަނީ އަރުވާފައެވެ.