Last Updated: June 16, 18:01
Tuesday, June 17, 2025
ޚަބަރު

މި މަހުގެ ފުރަތަމަ ހަތަރު ދުވަހު ރާއްޖެއަށް 6000 ފަތުރުވެރިން އަތުވެއްޖެ

ރާއްޖެ އައި ފަތުރުވެރިންތަކެއް - ފޮޓޯ: ވެލާނާ އެއާޕޯޓު

މި މަހުގެ ފުރަތަމަ ހަތަރު ދުވަހު އެކަނިވެސް ރާއްޖެއަށް 6،000 އަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މި މަހުގެ އެއްވަނަ ދުވަހު 2،031 ފަތުރުވެރިން ރާއްޖެ އައިސްފައި ވެއެވެ. އަދި މި މަހުގެ ދެވަނަ ދުވަހު 1،455 ފަތުރުވެރިން، ތިންވަނަ ދުވަހު 1،604 ފަތުރުވެރިން އައިސްފައިވާއިރު އިއްޔެ 1،671 ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

އެއާއެކު ބޯޑަރު ހުޅުވިފަހުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ 82,902 އަށް އަރާފައެވެ.

މީގެތެރޭގައި ހިމެނެނީ ޖުލައިމަހު ރާއްޖެއައި 1752 ފަތުރުވެރިންނާއި، އޮގަސްޓްމަހު އައި 7628 ފަތުރުވެރިންނާއި، ސެޕްޓެމްބަރމަހު އައި 9538 ފަތުރުވެރިންގެ އިތުރުން އޮކްޓޯބަރ މަހު ރާއްޖެ އައިސްފައިވަނީ 21،515 ފަތުރުވެރިންނެވެ. އަދި މިދިޔަ މަހު ރާއްޖެ އަށް ވަނީ 35,759 ފަތުރުވެރިން އައިސްފައެވެ.

އެގޮތުން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރަޝިއާއިން އައިސްފައިވާއިރު، ޑިސެމްބަރ 2 ވަނަ ދުވަހުގެ ނިޔަލަށް ރަޝިއާއިން 17,404 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މީގެ އިތުރުން އެންމެ ގިނަ އަދަދަކަށް ރާއްޖެއަށް ފަތުރުވެރިން އައި ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމުތަކަކީ އިނގިރޭސިވިލާތް، އެމެރިކާ، ޔޫއޭއީގެ އިތުރުން ޖަރމަނީ، ޔޫކްރެއިން، ފްރާންސް، ސްޕެއިން އަދި ބްރެޒިލްއެވެ.