ވަގުން ހިފަން އައި މަޖިލިހަށް ދެ އަހަރުވާއިރު، ވައްކަންކުރި އެންމެން ތިބީ ގޭގައި ކަމަށް ކުރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.
ހައިލަމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވަގުން ހިފަން އައި މަޖިލިހަށް ދެ އަހަރުވާއިރު، ވައްކަން ކުރި އެންމެން ތިބީ ގޭގައި ކަމަށާއި އެމްއެމްޕީއާރުސީގެ އެއްމެ ރުފިޔާއެއްވެސް ހޯދިފައި ނުވާ ކަމަށެވެ.
މީގެ އިތުރުން ސަފާރީގައި އަންހެނަކު ރޭޕްކުރި މައްސަލައަށް ވެސް ވީގޮތް އެނގޭ މީހަކު ނެތް ކަމަށާއި، 10 މީހަކަށް ޖިންސީ ގޯނާކުރި މިނިސްޓަރު ވެސް ހުންނެވީ ގޭގައި ކަމަށް ހައިލަމް ވިދާޅުވިއެވެ. އަދި އަނިޔާއާއި ވައްކަމަކީ ބަޔަކު ދެކޮޅު ހަދާ ފަލްސަފާއެކޭ ބުނާތީ އިވޭ ކަމަަށްވެސް ހައިލަމް ވިދާޅުވިއެވެ.
ހައިލަމް މިހެން ވިދާޅުވެފައިމިވަނީ މިހާތަނަށް ރާއްޖޭގައި ހިންގި އެންމެ ބޮޑު ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރްސީގެ ހިޔާނާތް ހިންގުމުގައި އިސް ދައުރެއް އަދާކުރި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއެކު ދައުލަތުން އެއްބަސްވުންތަކެއް ހަދައި އަދަބު ލުއިކުރުމާ ގުޅިގެންނެވެ.
އެގޮތުން ހިޔާނާތުގެ މައްސަލައާ ގުޅިގެން އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާ ސާބިތުވެ އޭނާގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވިއިރު އޭނާ އެ ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ ގޭގައި ހުންނަވައިގެންނެވެ.
އަދި ޅ. މާބިންހުރާގެ ދޫކޮށްގެން ދައުލަތަށް ލިބުނު ފައިސާއަށް ހިޔާނާތްތެރިވި މައްސަލައިގައި ޒިޔަތަށް 8 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވީ ނަމަވެސް އޭނާ ވެސް އެ ހުކުމް ތަންފީޒު ކުރައްވަނީ ގޭގައި ހުންނަވައިގެންނެވެ.
އެމްއެމްޕީއާރްސީގެ މައްސަލައިގައި ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެކަންޏެވެ. އެގޮތުން ޔާމީން ގެންދަވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.