މޯލްޑިވްސް މީޑިއާ ކައުންސިލް، އެމްއެމްސީގެ އާ ދައުރަށް މެންބަރުން މިއަދު އިންތިހާބުކޮށްފި އެވެ.
މެންބަރުން އިންތިހާބުކޮށްފައިވަނީ މީޑިއާތަކުގެ މެދުގައި މިއަދު ހޯމް މިނިސްޓްރީގައި ކުރިއަށް ދިޔަ ވޯޓަކުންނެވެ. އެމްއެމްސީ އެކުލެވިގެން ވަނީ މީޑިއާގެ ހަތް މެމްބަރުންނާއި އާންމުންގެ ހަ މެމްބަރުން އެކުލެވޭ ގޮތަށެވެ.
އެގޮތުން މީޑިއާތަކުގެ ފަރާތުން ކައުންސިލަށް އިންތިހާބުވެފައިވަނީ އަލީ ހުސައިން (ޕީއެސްއެމް)، މުއިއްޒު އިބްރާހިމް (މިހާރު)، އާދަމް ނަވާޒް (ވަގުތު)، އާދަމް ނަޒީރު (ހަތާވީސް އޮންލައިން)، ހުސެއިން ސަގީފް (ތިލަދުން)، ޝަހުބާން ފަހުމީ (ސަންގު ޓީވީ)، އަދި ހަސަން ޝާކިރު (އަސްދަނޑި) އެވެ.
މީޑިއާ ކައުންސިލަށް އާއްމުންގެ ފަރާތުން ހޮވުނީ ފާތިމަތު އަހްމަދު، އަންވަރު ހުސެއިން، އިބްރާހިމް ފައުޒީ، އަހްމަދު މޫސާ، ޝަފާތު ހަބީބް އަދި މުހައްމަދު ޝަފާއު ހަސަން އެވެ.
މީޑިއާ ކައުންސިލުގެ މެންބަރުންގެ މުއްދަތަކީ ދެ އަހަރެވެ. އަދި އެއްވެސް ފަރާތަކަށް ކައުންސިލުގެ މެންބަރުކަމުގައި ވިދިވިދިގެން ދެ ދައުރު އަދާ ނުކުރެވޭނެއެވެ.