ރާއްޖެ އަށް އިއްޔެ އެކަނިވެސް 2900 އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
މައުސޫމް ވިދާޅުވީ އިއްޔެ އަކީ ބޯޑަރު ހުޅުވާލިފަހުން ރާއްޖެ އަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތް ކުރި ދުވަސް ކަމަށާއި މި ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކުން ކުރަމުންދާ މަސައްކަތަށް ޝުކުރު އަދާކުރާ ކަމަށެވެ.
ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރީ މާޗް މަހުގެ 27 ވަނަ ދުވަހުއެވެ. އަލުން ބޯޑަރު ހުޅުވާލީ މިދިޔަ މަހުގެ 15 ދުވަހު އެވެ.
ޓޫރިޒަމް މިނިސްޓްރީގެ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މި މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް 6000 އަށް ވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއާއެކު ބޯޑަރު ހުޅުވާލިފަހުން ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 82,902 އަށް އަރާފައެވެ.
މީގެތެރޭގައި ހިމެނެނީ ޖުލައިމަހު ރާއްޖެއައި 1752 ފަތުރުވެރިންނާއި، އޮގަސްޓްމަހު އައި 7628 ފަތުރުވެރިންނާއި، ސެޕްޓެމްބަރމަހު އައި 9538 ފަތުރުވެރިންގެ އިތުރުން އޮކްޓޯބަރ މަހު ރާއްޖެ އައިސްފައިވަނީ 21،515 ފަތުރުވެރިންނެވެ. އަދި މިދިޔަ މަހު ރާއްޖެ އަށް ވަނީ 35,759 ފަތުރުވެރިން އައިސްފައެވެ.
އެގޮތުން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރަޝިއާއިން އައިސްފައިވާއިރު، ޑިސެމްބަރ 2 ވަނަ ދުވަހުގެ ނިޔަލަށް ރަޝިއާއިން 17,404 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މީގެ އިތުރުން އެންމެ ގިނަ އަދަދަކަށް ރާއްޖެއަށް ފަތުރުވެރިން އައި ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމުތަކަކީ އިނގިރޭސިވިލާތް، އެމެރިކާ، ޔޫއޭއީގެ އިތުރުން ޖަރމަނީ، ޔޫކްރެއިން، ފްރާންސް، ސްޕެއިން އަދި ބްރެޒިލްއެވެ.