މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތާއި ގުޅިގެން އެ ކުންފުނީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިޔަތުގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް ހުކުމް އިއްވަން މިއަދު ތާވަލުކުރި ޝަރީއަތް ކެންސަލްކޮށްފިއެވެ.
މި މައްސަލައިގައި ހުކުމް އިއްވުން މިއަދު 10:30 ގައި ބޭއްވުމަށް ތާވަލުކުރިއިރު ޝަރީއަތް ކެންސަލް ކުރީ، ޝަރީއަތް ލައިވްކޮށް ދެއްކުމަށް ކުރި މަސައްކަތުގައި ޓެކްނިކަލް މައްސަލައެއް ދިމާވެގެންނެވެ. މި މައްސަލައިގައި ހުކުމް އިއްވުން ދެން އޮންނާނީ މާދަމާ އެވެ.
ދައުލަތަކާއެކު އަދަބަށް ލުއިދިނުމުގެ އެއްބަސްވުމެއް ޒިޔަތު ހަދާފައިވާއިރު، ޒިޔަތު ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ 32 ދައުވާ އަށް ވެސް އިއުތިރާފް ވެފައެވެ. އެގޮތުން 32 ދައުވާގެ އަދަބެއްގެ ގޮތުގައި ދައުލަތުގެ ވަކީލުން ކަނޑައަޅާފައިވަނީ 11 އަހަރަށް ޖަލަށްލުމެެވެ. އެ އަދަބަށް އެއްވެސް އިއުތިރާޒެއް ނެތް ކަމަށް ޒިޔަތުގެ ވަކީލުން ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން ޅ. މާބިންހުރާގެ ދޫކޮށްގެން ދައުލަތަށް ލިބުނު ފައިސާއަށް ހިޔާނާތްތެރިވި މައްސަލައިގައި ކްރިމިނަލް ކޯޓުން ޒިޔަތަށް އިއްވި އަށް އަހަރުގެ ޖަލު ހުކުމާ ގުޅިގެން ސުޕްރީމް ކޯޓުގައި ކުރި އިސްތިއުނާފް ވެސް އަނބުރާ ގެންދަން ޒިޔަތު ވަނީ ނިންމާފައެވެ.
ޒިޔަތު ވަނީ އިސްތިއުނާފްގެ މައްސަލަ އަނބުރާ ގެންދަން ބޭނުންވީ އެއްވެސް ފަރާތެއްގެ ނުފޫޒެއް އޮވެގެން ނޫން ކަމަށް ބުނެފައެވެ.
މާބިންހުރާ މައްސަލައިގައި ޒިޔަތަށް އަށް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ނަމަވެސް އޭނާ ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ ގޭބަންދުގަ އެވެ.