ކޮވިޑް-19 އާއި ގުޅިގެން އައްޑޫ ސިޓީގެ ރިސޯޓުތައް ބަންދުކޮށްފައި އޮތުމުން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފިއެވެ.
މިކަމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން ބުނީ މިއީ އެ ރިސޯޓުތައް ބަންދުކުރުމާ ގުޅިގެން މުވައްޒަފުންގެ ހައްގުތައް ހޯދައިދިނުމަށް އެކުލަވާލި ޕެޓިޝަނެއް ކަމަށެވެ. އެގޮތުން މިހާތަނަށް މި ޕެޓިޝަނުގައި 800 އަށް ވުރެ ގިނަ މީހުން ސޮއިކޮށްފައިވާއިރު މި ޕެޓިޝަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
ކޮވިޑާއި ގުޅިގެން އައްޑޫގައި ޝަންގްރިއްލާ ރިސޯޓު މުއްދަތެއް ނެތް ގޮތަށް ބަންދުކުރަން ނިންމިއިރު، ކެނަރީފް ރިސޯޓު ބަންދުކޮށްފައިވަނީ ދެ އަހަރު ދުވަހުގެ މުއްދަތަކަށެވެ. މި ދެ ރިސޯޓުގައި ވެސް އައްޑޫގެ ގިނަ އަދަދެއްގެ މުވައްޒަފުން މަސައްކަތް ކުރެއެވެ.
ސަރުކާރުން އަންނަނީ ކޮވިޑާއި ގުޅިގެން ވަޒީފާ ގެއްލުނު ފަރާތްތަކަށް ކޮންމެ މަހަކު 5000 ރުފިޔާގެ އެލަވެންސެއް ދެމުންނެވެ.