ޕީޕީއެމް މިއަދު ވެރިކަމުގައި އޮތްނަމަ ކޮވިޑް-19 ގެ ވެކްސިން ހިލޭ ދިނުމުގެ ބަދަލުގައި ރައްޔިތުންނަށް ވިއްކާނީ ކަމަށް އެމްއެންޑީއެފްގެ ކުރީގެ މާލޭ އޭރިއާ ކޮމާންޑަރު އިބްރާހީމް މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.
ކޮވިޑްގެ ވެކްސިން ރާއްޖޭގައި އުޅޭ އެންމެންނަށް ހިލޭ ފޯރުކޮށްދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވިއިރު މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ އެއީ އިތުރުފުޅެއް ކަމަށާއި ކޮވިޑްގެ ވެކްސިން ހުރީ އެކުވެރި ގައުމުތަކާއި ޖަމިއްޔާތަކުން ދިވެހި ރައްޔިތުންނަށްޓަކައި ގަނެދީފައި ކަމަށް ވިދާޅުވެފައެވެ.
އެ ވާހަކަތަކަށް ރައްދު ދެއްވަމުން ދީދީ ވިދާޅުވީ މިއީ ޕީޕީއެމްގެ ވެރިކަމެއްނަމަ އެންމެ ގައުމަކުން ހިލޭ ވެކްސިން ދިން ނަމަވެސް އެ ވެކްސިން ރައްޔިތުންނަށް ވިއްކާނީ ކަމަށެވެ. އަދި ޕީޕީއެމްގެ ވެރިކަމެއް ނަމަ ހިލޭ ވެކްސިން ދޭނެ ޤައުމެއް އޮންނާނެތޯ ވެސް ދީދީ ވަނީ ސުވާލު އުފައްދާފައެވެ.
"ސަޢީދުމެންގެ ވެރިކަމުގައި ކޮމަންވެލްތުން ވަކިވެ، މަޖިލީސް މެމްބަރުން ލައްވާ އދ އިން ވަކިވާން މަޖިލީހުގައި އަޑު އުފުލައި އެންމެ ޤައުމެއް ފިޔަވާ ދުނިޔެއާއި ވަކިވީ. އެ ހާލަތުގައި ކޮވިޑް އައިނަމަ ކޮންބައެއްބާ ހިލޭ ވެކްސިން ދޭނީ؟" ދީދީ ވިދާޅުވިއެވެ.
ހެލްތު މިނިސްޓްރީން ބުނިގޮތުގައި ރާއްޖެއަށް ގެންނަން މަސައްކަތް ކުރަނީ ކޮވިޑަށް ފަރުވާކުރުމަށް އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީން އުފެއްދި އެސްޓްރާޒެނެކާ ވެކްސިނާއި އެމެރިކާގެ ބަޔޯ-ޓެކްނޮލޮޖީ ކުންފުންޏެއް ކަމަށްވާ މޮޑާނާއިން އުފެއްދި ކޮވިޑް ވެކްސިންނެވެ.
އެގޮތުން އެއީ ރާއްޖޭގެ މާހައުލަށް ބަލައި ރާއްޖެއަށް ގެނައުމަށް އެންމެ އެކަށީގެންވާ ދެ ވެކްސިން ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.
އަދި ކޮވިޑުގެ ވެކްސިން ލިބެންވާއިރަށް ވާންޖެހޭ ތައްޔާރީތައް ވުމުގެ ގޮތުން ސްޓިއަރިންގ ކޮމިޓީއެއް އުފައްދައި، އެ ތައްޔާރީތައް ވަމުން އަންނަ ކަމަށާއި އެގޮތުން މިހާތަނަށް ކުރެވުނު މަސައްކަތުން ވެކްސިން ދިނުމުގައި އިސްކަންދޭނެ އުމުރުފުރާތަކާއި ކެޓަގަރީތައް ދެނެގަނެވިފައިވާ ކަމަށްވެސް މިނިސްޓްރީން ހާމަކުރެއެވެ.