ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް އަލަށް އުފުލި ދެ ދައުވާތަކާ ގުޅޭލިޔުންތައް ދިރާސާ ކުރަން އިތުރު ފުރުސަތެއް ކްރިމިނަލް ކޯޓުން ދީފިއެވެ.
ޔާމީންގެ މައްޗަށް ދައުލަތުން އަލަށް އުފުލާފައިވަނީ މަނީ ލޯންޑަރިން ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށްދިޔަ ޝަރީއަތުގައި ޔާމީންގެ ވަކީލުން ވިދާޅުވީ މި މައްސަލައިގައި މީގެކުރިން ބޭއްވި ޝަރީއަތުގައި ވެސް ހޯދަން އެދުނު ބައެއް ލިޔުންތައް މިއަދުގެ ޝަރީއަތާއި ހަމައަށް އައިއިރު ވެސް ލިބިފައި ނުވާ ކަމަށެވެ.
އަދި ދައުލަތުން ހަވާލުކުރި ޗެކް ޖަމާކުރި ސްލިޕް އާއި އިކޮނޮމިކް މިނިސްޓްރީގެ ސިޓީ ނުސާފު ކަމަށާއި، ދައުލަތުން ހަވާލުކުރި ސީޑީ ނުހުޅުވޭ ކަމަށްވެސް ޔާމީންގެ ވަކީލުން ވަނީ ވިދާޅުވެފައެވެ. މި މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލު ވިދާޅުވީ މާދަމާގެ ނިޔަލަށް ސީޑީގެ ރަނގަޅު ކޮޕީއެއް ކޯޓަށް ހުށަހެޅުމަށް ދައުލަތަށް އަންގާފައެވެ.
ޔާމީންގެ ވަކީލުން ދެއްކެވި ވާހަކަތަކާ ގުޅިގެން ދައުލަތުގެ ފަރާތުން ސީނިއާ ޕަބްލިކް ޕްރޮސެކިއުޓާ އައިޝަތު މުހައްމަދު ވިދާޅުވީ ދިފާއުން ހޯދަން އެދިފައިވާ ބައެއް ލިޔުންތަކަކީ މައްސަލައިގެ ބާވަތުން ސިއްރުކުރަން ބޭނުންވާ ލިޔުންތަކެއް ކަމަށެވެ. އަދި އެ ލިޔުންތައް ފިޔަވައި ދިފާއަށް ލިބިފައިނުވަނީ އެންމެ ދެ ލިޔުން ކަމަށް އޭނާ ވިދާޅުވިއެވެ.
މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން ގާޒީ ވަނީ ވީޑިއޯތަކާއި ލިޔުންތައް ދިރާސާކުރަން 15 ދުވަހުގެ މުއްދަތެއް ޔާމީންގެ ވަކީލުންނަށް އަރުވާފައެވެ. އަދި އެ ފުރުސަތު މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ނުލިބޭނަމަ އެކަން ކޯޓަށް އެންގުމަށް ގާޒީ ވަނީ ވިދާޅުވެފައެވެ.
މި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް ދެން އޮންނާނީ އަންނަ މަހުގެ 7 ވަނަ ދުވަހުގެ މެންދުރު 2:00 ގައެވެ.