ކުޅިވަރުގެ ދާއިރާއަށް ސިޔާސީ ނުފޫޒު ނުފޯރުވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ނޭޝަނަލް މާރޝަލް އާރޓްސް ސެންޓަރ އަދި ހުޅުމާލެ ޓީ.ޓީ. ހޯލް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
މިއަދު ހަވީރު ބޭއްވި މި ރަސްމިއްޔާތުގައި ރައީސް ސޯލިހު ވިދާޅުވީ ވެރިކަމާ ޙަވާލުވީ، ކުޅިވަރުގެ ދާއިރާއިން ޒުވާނުން ބިނާކޮށް، ރަނގަޅު ކާމިޔާބެއް ހޯދުމަށްޓަކައި، މުހިންމު ދެކަމަކަށް ވިސްނައިގެން ކަމަށެވެ. އެގޮތުން ފުރަތަމަ ކަމަކީ، ކުޅުންތެރިން ބިނާކުރަން ބޭނުންވާ ވަސީލަތްތައް ޤާއިމުކޮށްދިނުން ކަމަށާއި އަދި ދެވަނަކަމަކީ، ކުޅިވަރުގެ ދާއިރާއަށް ސިޔާސީ ނުފޫޒެއް ނުފޯރުވުން ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ވެރިކަމާ ޙަވާލުވީ، ކުޅިވަރުގެ ދާއިރާއިން ޒުވާނުން ބިނާކޮށް، ރަނގަޅު ކާމިޔާބެއް ހޯދުމަށްޓަކައި، މުހިންމު ދެކަމަކަށް ވިސްނައިގެން. ފުރަތަމަ ކަމަކީ، ކުރިންވެސް ދެންނެވި ފަދައިން، ކުޅުންތެރިން ބިނާކުރަން ބޭނުންވާ ވަސީލަތްތައް ޤާއިމުކޮށްދިނުން. ދެވަނަކަމަކީ، ކުޅިވަރުގެ ދާއިރާއަށް ސިޔާސީ ނުފޫޒެއް ނުފޯރުވުން" ރައީސް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި އިތުރަށް ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ވެރިކަމާ ޙަވާލުވިއިރު، ކުޅިވަރުގެ ދާއިރާއިން އެންމެ ބޮޑު އެއް ޝަކުވާއަކަށް ވެފައިއޮތީ، މާލޭގެ ފަތާ ޓްރެކް ސަރަޙައްދުގައި، އަތްވާއި ވާރޭން ހިޔާވާނެ ގޮތެއް ނެތްކަމުގެ ޝަކުވާ ކަމަށެވެ. ނަމަވެސް އެކި ސަބަބުތަކާހުރެ ލަސްވެގެންދިޔަނަމަވެސް، އެ މަސައްކަތް މިހާރު އެވަނީ ނިމުމަކާ ހަމަޔަށް އައިސްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ރާއްޖޭގައި ބޮޑީ ކަނޑުގެ ސަރަޙައްދު ކަމަށްވިޔަސް، މޫދުކުޅިވަރުތައް ނުވަތަ ފެނުގައި ކުޅޭ ކުޅިވަރުތައް ކުޅުމަށް އެކަށީގެންވާ ވަސީލަތްތަކެއް ރާއްޖޭގައި މިހާތަނަށް ޤާއިމުކުރެވިފައެއް ނެތްކަން ރައީސް ފާހަގަކުރެއްވިއެވެ.
"މިހާރު ސަރުކާރުގެ އަމާޒަކީ، އޮލިމްޕިކް ސައިޒްގެ ސްވިމިންގ ޕޫލެއް، މާލެ ސަރަޙައްދުގައި ޤާއިމުކުރުން. އެކަމަށް ބޭނުންވާ ބިންވެސް، މިހާރު އޮތީ ކަނޑައަޅާފައި. މިހާރު ކުރިއަށްދަނީ، އެންމެފަހުގެ ތަފްޞީލީ ކުރެހުންތައް ކުރެހުމުގެ މަސައްކަތް. އެކަން ނިމުމާއެކު، އިރާދަކުރެއްވިއްޔާ އެކަމުގެ ޢަމަލީ މަސައްކަތް ފެށިގެންދާނެ" ރައީސް ވިދާޅުވިއެވެ.
ކުޅިވަރުގެ ރޮނގުން ރަން މެޑެއްޔާއި ކާމިޔާބަށް އުންމީދު ކުރަންވާނީ، އެކަމަށް އެކަށޭނަ މިންވަރަށް، ވަސީލަތްތައް ތަރައްޤީކޮށްދީ، ކުޅުންތެރިން އުފައްދައިގެން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެކަމުގައި އަންހެން ކުޅުންތެރިންނާއި ފިރިހެން ކުޅުންތެރިންނާ ދެމެދު އެއްވެސް ތަފާތުކުރުމެއްނެތި، ހަމަހަމަގޮތެއްގައި ކަންކަން ފަހިކޮށްދޭންޖެހޭނެކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.