ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރި ވަގުތު އެ ސަރަހައްދަށް އެއްވި މީހުންގެ ތެރެއިން ދެ މީހަކު ހައްޔަރުކޮށްފިއެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ހައްޔަރުކޮށްފައިވަނީ އިދިކޮޅު ކޯލިޝަނުގެ މާލެ ދަފްތަރު ސްޓިއަރިންގް ކޮމިޓީގެ ރައީސް އަހުމަދު އަދި އިދިކޮޅު ކޯލިޝަނުގެ ސަޕޯޓަރެއް ކަމަށްވާ އަހުމަދު އިލްހާމް ކަމަށެވެ.
ޔާމީންގެ މައްޗަށް ދައުލަތުން އަލަށް އުފުލާފައިވަނީ މަނީ ލޯންޑަރިން ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އެވެ.
ޕީޖީ އޮފީހުން ބުނީ ޔާމީންގެ މައްޗަށް އިތުރު ދެ ދައުވާއެއް އުފުލީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ.ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، އަހުމަދު ކްރިކް ރިޟާ ނަމަކަށް ކިޔާ މީހެއް މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 ޑޮލަރު ހޯދައި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން އެ ފައިސާ ލޯންޑަރ ކުރުމަށްޓަކައި ފަށަލަކޮށްފައިވާ މައްސަލައާ ގުޅިގެން ކަމަށެވެ.
ޔާމީންގެ މައްޗަށް އިތުރު ދެ ދައުވާއެއް އުފުލާފައިވާއިރު، މަނީ ލޯންޑަރިންގެ ދައުވާއެއް ސާބިތުވެ އެމަނިކުފާނު މިހާރުވެސް ގެންދަވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.