Last Updated: June 15, 18:01
Monday, June 16, 2025
ޚަބަރު

ޕޮލިސް ބޯޑަކީ ފުލުހުންގެ ރިފޯމަށް އެޅުނު މުހިއްމު ފިޔަވަޅެއް

ސީޕީ ހަމީދު، ފޮޓޯ: ރާއްޖެއެމްވީ

ޕޮލިސް ބޯޑެއް އުފެދިގެން ދިޔުމަކީ ފުލުހުންގެ ރިފޯމަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުން ރޭ ފާސްކުރި ފުލުހުންގެ ބިލުގައި ވަނީ ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ޕޮލިސް ބޯޑު، ގާނޫނަށް އަމަލުކުރަން ފަށާތާ 14 ދުވަހުގެ ތެރޭގައި އެކުލަވާލަން ޖެހޭނެ ކަމަށް ބުނެފައެވެ.

ސީޕީ ހަމީދު މިއަދު ވިދާޅުވީ ފުލުހުންގެ ރިފޯމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާތަނަށް އެޅުނު އެންމެ މުހިއްމު ފިޔަވަޅަކީ ޕޮލިސް ބޯޑެއް އުފެދުން ކަމަށާއި މިފަދަ ބޯޑެއް އުފެއްދުމަށް ފުލުހުންގެ އެގްޒެކެޓިވް މެނޭޖްމެންޓުން މިދިޔަ އަހަރުން ފެށިގެން ވެސް ވަރަށް ބޮޑަށް ބާރު އެޅި ކަމަށެވެ.

ޕޮލިސް ބޯޑާއެކު ފުލުހުންގެ ކަންކަން ގާތުން ބަލައި ފާރަވެރިވެ، ކަނޑައަޅާފައިވާ އަމާޒުތަކަށް ވާސިލުވޭތޯ ވެސް ބަލާނެ ކަމަށްވެސް ސީޕީ ހަމީދު ވިދާޅުވިއެވެ. އަދި މަޖިލީހުން ރޭ ފާސްކުރި ފުލުހުންގެ ބިލަށް މަރުހަބާ ކިޔާ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

ރޭ ފާސްކުރި ފުލުހުންގެ ބިލުގައިވާ ގޮތުން ޕޮލިސް ބޯޑް އެކުލެވިގެންވަނީ 7 މެމްބަރުންގެ މައްޗަށެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ 2 މެމްބަރުންނާއި ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ 3 މީހުންގެ އިތުރުން އާންމު ރައްޔިތުންގެ ތެރެއިން ކުރިމަތިލާ 2 މީހުންނެވެ.

ޕޮލިސް ބޯޑަށް މެމްބަރުން އައްޔަނުކުރާ ދުވަހުން ފެށިގެން 4 މަސް ދުވަހުގެ ތެރޭގައި ދިވެހި ފުލުހުންގެ ޚިދުމަތުގައި ތިބި އޮފިސަރުންގެ ތެރެއިން ކޮމިޝަނަރ އޮފް ޕޮލިސް ފިޔަވައި ސްޕްރިންޑެންޓުން ޕޮލިސް އިން ފެށިގެން މަތީ ރޭންކުގެ ކޮމިޝަން އޮފިސަރުންގެ ތެރެއިން އެކިއެކި ތުހުމަތުކުރެވޭ ފުލުހުންނާ މެދު ގޮތެއް ކަނޑައަޅަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.