Last Updated: June 15, 18:01
Monday, June 16, 2025
ޚަބަރު

ޒިޔަތު 11 އަހަރަށް ޖަލަށް

އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔަތު

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތާއި ގުޅިގެން އެ ކުންފުނީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިޔަތުގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން އޭނާ 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

މި މައްސަލާގައި ޒިޔަތުގެ މައްޗަށް ދައުވާކުރަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ހިޔާނާތްތެރިިވި ކަމަށް ބުނެ އެވެ. އެގޮތުން އޭނާގެ މައްޗަށް 32 ދައުވާއެއް އުފުލާފައިވެއެވެ.

ޒިޔަތުގެ އަދަބު ލުއިވެފައިވަނީ ދައުލަތަކާއެކު އޭނާ ހެދި އަދަބަށް ލުއިދިނުމުގެ އެއްބަސްވުމުގެ ސަބަބުންނެވެ.

މީގެއިތުރުން ޅ. މާބިންހުރާގެ ދޫކޮށްގެން ދައުލަތަށް ލިބުނު ފައިސާއަށް ހިޔާނާތްތެރިވި މައްސަލައިގައި ކްރިމިނަލް ކޯޓުން ޒިޔަތަށް އިއްވި އަށް އަހަރުގެ ޖަލު ހުކުމާ ގުޅިގެން ސުޕްރީމް ކޯޓުގައި ކުރި އިސްތިއުނާފް ވެސް އަނބުރާ ގެންދަން ޒިޔަތު ވަނީ ނިންމާފައެވެ.

ޒިޔަތު ވަނީ އިސްތިއުނާފްގެ މައްސަލަ އަނބުރާ ގެންދަން ބޭނުންވީ އެއްވެސް ފަރާތެއްގެ ނުފޫޒެއް އޮވެގެން ނޫން ކަމަށް ބުނެފައެވެ.

މާބިންހުރާ މައްސަލައިގައި ޒިޔަތަށް އަށް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ނަމަވެސް އޭނާ ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ ގޭބަންދުގަ އެވެ.