އައްޑޫ ސިޓީގައި ހިންގަމުން އަންނަ ޝަންގްރިއްލާ ރިސޯޓުގައި ސަރުކާރުގެ 30 ޕަސެންޓް ހިއްސާ އޮތް ނަމަވެސް އޭގެއިން ލިބޭ ވަކި ފައިދާއެއް ނެތް ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ނާޒިލް ވިދާޅުވީ ޝަންގްރިއްލާގެ 30 ޕަސެންޓު ސަރުކާރުގައި އެބައޮތް ކަމަށާއި ނަމަވެސް ސަރުކާރުގައި އެ ހިއްސާ އޮތުމުން ޝަންގްރިއްލާ އަށް ލިބޭ ކުރިއެރުމެއް ފެންނަން ނެތް ކަމަށެވެ.
"ޝަންގްރިއްލާ އަށް ކުރިއެރުމެއް ނުލިބެނީސް އައްޑޫ ރައްޔިތުންނަށް ލިބޭނެ ވަކި ކުރިއެރުމެއް ނެތް. މި ވާހަކަ ތަކުރާރުކޮށް އެކި ސަރުކާރުތަކުގައި ދެކެވިއްޖެ. ކުރިއެރުމެއް ނުލިބޭ، ހައްލެއް ނުލިބޭ" ނާޒިލް ވިދާޅުވިއެވެ.
އަދި އައްޑޫ އާއި ފުވައްމުލަކު ހިސާބުގައި ޓޫރިޒަމްގެ ރަން ބިސް އަޅާ ކުކުޅު ބިސް އަޅާނެ އެއްވެސް ތަނެއް ނެތް ކަމަށާއި އެގޮތުން މާލޭ އިންޓަނޭޝަނަލް އެއާޕޯޓުގެ ރޭޑިއަސް ތެރޭގައި އެ ކުކުޅެ ގެންގުޅެ ބިސް އެޅުވުމަށް މަސައްކަތް ކުރުން ނޫން އިތުރު ގޮތެއް ނެތް ކަމަށް ވެސް ނާޒިލް ވިދާޅުވިއެވެ.
އެހެންކަމުން އިސްލާހުތަކެއް ގެނެސްގެން ނަމަވެސް އައްޑޫގައި ޓޫރިޒަމް ރަނގަޅަށް ކުރިއަށް ގެންދެވޭނެ ރަނގަޅު ގޮތްތަކެއް ހޯދައިދޭން ޖެހޭ ކަމަށްވެސް ނާޒިލް ވިދާޅުވިއެވެ. އެގޮތުން ޓޫރިޒަމްގައި އެންމެ ގިނަ ދުވަސްވީ މީހުން އުޅެނީ އައްޑޫގައި ކަމަށްވާއިރު އެ ފަރާތްތަކަށް އެ ކަން ކުރެވޭނެ ގޮތެއް ސަރުކާރުން ހޯދައިދޭންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮވިޑާއި ގުޅިގެން ޝަންގްރިއްލާ ރިސޯޓު މުއްދަތެއް ނެތް ގޮތަށް ބަންދުކުރަން ނިންމިއިރު، އައްޑޫގައި ހިންގަމުން އަންނަ ކެނަރީފް ރިސޯޓު ވަނީ ދެ އަހަރަށް ބަންދުކޮށްފައެވެ. މި ދެ ރިސޯޓުގައި ވެސް އައްޑޫގެ ގިނަ އަދަދެއްގެ މުވައްޒަފުން މަސައްކަތް ކުރެއެވެ.