Last Updated: June 15, 18:01
Sunday, June 15, 2025
ޚަބަރު

ކޮވިޑް ވެކްސިން ރާއްޖެ އަށް ހޯދައިދޭން އެހީވާނަން: ޑަބްލިއުއެޗްއޯ

ކޯވިޑް-19ގެ ވެކްސިން ހޯދުމަށް ކުރަމުންދާ މަސައްކަތުގައި ރާއްޖެ އަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ޑަބްލިއުއެޗްއޯ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ޑޮކްޓަރ އަރުވިންދު މާތުރު ވިދާޅުވެއްޖެއެވެ.

ޑަބްލިއުއެޗްއޯގެ މަންދޫބު މިހެން ވިދާޅުވީ ރައީސް މުޙައްމަދު ޞާލިޙްގެ އަރިހަށް މިއަދު ކުރެއްވި ވަދާއީ ޒިޔާރަތުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި، ކޯވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ ހާލަތުން އަރައިގަތުމަށް އެ ބަލީގެ ވެކްސިން ހޯދުމުގައި ރާއްޖެއަށް އެ ޖަމުޢިއްޔާގެ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ.

މިކަމާއިމެދު ވާހަކަފުޅު ދައްކަވަމުން ޑޮކްޓަރ އަރްވިންދް މާތުރު ވަނީ، ރާއްޖެއިން ކޯވެކްސް ފެސިލިޓީގައި ބައިވެރިވުމަށް ނިންމި ނިންމުމަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި، ކޯވިޑް-19ގެ ވެކްސިން ހޯދުމަށް ކުރަމުންދާ މަސައްކަތުގައި އެ ޖަމުޢިއްޔާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ދެއްކެވި ވާހަކަފުޅުގައި ކޯވިޑް-19ގެ ހާލަތުގައި ކުރިމަތިވި ގޮންޖެހުންތަކަކީ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވެފައިވާ އެކި ނުރައްކާތަކާއި، އެ ޤައުމުތަކުގެ ނާޒުކުކަން ހަނދުމަކޮށްދޭ މިސާލެއްގެ ގޮތުގައި ސިފަކުރައްވާ، މި ހާލަތުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތުގައި އެ ޖަމުޢިއްޔާއިން ދެމުންދާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވާފައެވެ.

އަދި، ވަކީން ޚާއްޞަކޮށް، ޑޮކްޓަރ އަރްވިންދް މާތުރުގެ މަންދޫބުކަމުގެ ދައުރުގައި އެ ޖަމުޢިއްޔާއިން ރާއްޖެއާމެދު ބަހައްޓަމުންދާ ގާތްކަމާއި، ބަދަހިވަމުންދިޔަ ގުޅުމަށް އިޝާރާތްކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ކަމަށް ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ޑޮކްޓަރ އަރްވިންދް މާތުރު ދެއްކެވި ވާހަކަފުޅުގައި ކޯވިޑް-19ގެ ސަބަބުން ކުރިމަތިވި ހާލަތުން އަރައިގަތުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވާ، އަދި ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކާއި، ހޯދާފައިވާ ތަރައްޤީއާއި ކާމިޔާބީއަށް ތަޢުރީފު ކުރެއްވިއެވެ.

އެގޮތުން، ޕްރައިމަރީ ހެލްތު ކެއަރގެ ދާއިރާއާއި، ނަފްސާނީ ދުޅަހެޔޮކަމާއި، ސަރވިކަލް ކެންސަރުން ރައްކާތެރިވުމަށް އެޗް.ވީ.ޕީ. ވެކްސިން ފޯރުކޮށްދިނުމާއެކު ރާއްޖޭގެ ޞިއްޙީ ޤާބިލުކަން އިތުރުވެފައިވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.